ކުށްކުރާ ފަރާތްތަކުގެ މިލްކަކަށް މި ފަސްގަނޑު ވިޔަނުދިނުމަށްޓަކައި ދިވެހި ފުލުހުންގެ ލެޔާއި ފުރާނައިން އަގު ދައްކާފައިވާކަން ދިވެހިރައްޔިތުން ހެކިވާނެކަމުގައި،ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ،ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި މަދަނީ ހިދުމަތްދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން މިއަދު ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުން ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާނެކަން ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ކުށްކުރާ ފަރާތްތަކުގެ މިލްކަކަށް މި ފަސްގަނޑު ވިޔަނުދިނުމަށްޓަކައި ދިވެހި ފުލުހުންގެ ލެޔާއި ފުރާނައިން އަގު ދައްކާފައިވާކަމަށް ވެސް ދިވެހިރައްޔިތުން ހެކިވާނެ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ޝަހީދު އާދަމް ހަލީމް، ޝަހީދު އަލީ ނާޒިމް، ޝަހީދު މިސްބާހު އަބްދުﷲ އަދި ޑިއުޓީ އަދާކުރުމުގައި ބޮޑެތި އަނިޔާތައް ލިބިފައިވާ އެތައް ފުލުހުންނެއް ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތްކުރުމަށްޓަކައި ގުރުބާންވެފައިވާކަން މި ކުރު މާޒީގައި ފެންނަންހުރި ކަމަށް ވިދާޅުވި އެވެ. އަދި ފުލުހުންގެ ހިދުމަތުގެ މި ވިހި އަހަރުގެ މާޒީގެ ހަގީގީ ބަޠަލުންނަކީ އެއީ ކަމުގައި ވެސް ފާހަގަކުރެއްވި އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ ފުލުހުންނަކީ، ފުލުހުންގެ މަސައްކަތްތައް އަދާކުރުމުގައި ރިސްކު އޮތް ބައެއް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގާދިޔަ ހާދިސާގައި، ކުށުގެ ވެށިން ވިކްޓިމް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ކުރާ ހިތްވަރުކަމަށް ވިދާޅު ވިއެވެ. އަދި ފުލުހުންގެ ބުރަބޮޑު އެ މަސައްކަތްތަކަށް އެތައް ބައެއްގެ ތައުރީފާއި ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު އެ ހުރިހާ ތައުރީފުތަކާއި ފާޑުކިޔުންތައް ހުރިހާ ފުލުހުން ވެސް ގަބޫލުކުރައްވާކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލާ ދީފައިވެ އެވެ. އޭގެ އިތުުރުން، ފުލުހުންގެ ހިދުމަތް މަދަނީ ހިދުމަތަކަށް ބަދަލުވެގެން މި ހިދުމަތަށް މިއަދާ ހަމައަށް އައިސްފައިވާ ބަދަލުތަކާއި ކުރިއެރުންތައް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުންގެ އިތުރުން އާންމު މުވައްޒަފުން ބައިވެރިވި އެވެ.
1933 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ފިޔަވަތީގައި ފޯރުކޮށްދެމުންދިޔަ ފުލުހުންގެ ހިދުމަތް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުވެގެންދިޔަ އެވެ. އޭގެ ފަހުން ފާއިތުވި 20 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތަށް އެކި ބަދަލުތައް ގެނެސް ޒަމާނާ އެއްގޮތަށް ދަނީ ހިދުމަތް ފޯރުކޮށްދެމެންނެވެ.




