ދިވެހި ރާއްޖެއާއި ތުރުކީއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ތަންފީޒްކުރެވޭވަރުވާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހަމައްދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އެ އެއްބަސްވުމުގެ ތަފްސީލު ހާމަކުރައްވަމުން ރޭ މިނިސްޓަރު ސައީދު ވިދާޅުވީ، މިދިޔަ ބުރާސްފަތިދުވަހު އެ އެއްބަސްވުން އެކުލަވާލާ ނިމިފައިވާކަމަށެވެ. އަދި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެފާސްކުރެވުނުހާ އަވަހަކަށް އެ ތަންފީޒް ކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށާއި، އެއަށް އަމަލުކުރެވޭ ވަރުވާނީ މިއަހަރުގެ ޑިސެންބަރުމަހުގެ ފަހުކޮޅު ނުވަތަ ޖެނުއަރީމަހުގެ ކުރީކޮޅު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އެ އެއްބަސްވުމުގައި ޑިއުޓީ އެއްކޮށް ކަނޑާލަދިނުމަށް 214 ބާވަތެއް ހުށަހެޅިނަމަވެސް %100 ޑިއުޓީ ކަނޑާލަދޭން ތުރުކީން އެއްބަސްވެފައިވަނީ އޭގެތެރެއިން 38 ބާވަތަކުން ކަމަށެވެ. އޭގެތެރޭގައި ރާއްޖެއިން އެނެްމެ އިސްކަމެއް ދީގެން ހިމެނި، ކަޅުބިލަމަހާއި، ކަންނެލީގެ ބާވަތްތަކާއި، ހިކިމަހާއި، ހިކިމަހުގެ ކާނާ ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ މީގެކުރިން ދުވަހަކުވެސް އެއްބަސްވެފައިވާ ގޮތެއް ނޫންކަމަށާއި، މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދެކިލައްވާ ކަމަށެވެ.



