ފަލަޞްޠީނުގެ ހައްގުގައި ކަމަށްބުނެ، ރާއްޖޭގައި ހުންނަ ބޭރުގެ ޑިޕޮލޮމެޓިކް މިޝަންތަކާއި ސަފީރުން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި އެއްވެ އަޑުއުފުލި މައްސަލައިގައި ފުުލުހުން ހައްޔަރުކުރި 2 އަންހެނުންގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި އެވެ.
ރާއްޖޭގައި ހުންނަ ޔޫއެންގެ އޮފީސްތަކުގެ އިމާރާތާއި، އިނގިރޭސިވިލާތް އަދި ޖަރުމަން އެމްބަސީގެ އިތުރުން، އިނގިރޭސިވިލާތު ސަފީރާއި،ސައުދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ ފަލަޞްޠީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އަޑުއުފުލާފައި ވަނީ ޑރ. ޝަޒުރާ އިބްރާހިމް އާއި އާއިޝަތު ޝާދިޔާ އެވެ. 28 އޮގަސްޓު 2024 ވަނަ ދުވަހުގެ މެންދުރު ފުލުހުން އެ ދެމީހުން ހައްޔަރުކުރީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފުވެފައިވާކަމަށްބުނެ އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެދުވަހު އެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުން އަމަލުތައް ހުއްޓައި، އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން އެއަށް ތަބާނުވުމުންް، އޭގެ ފަހުންވެސް ތަކުރާރުކޮށް ނަސޭހަތްތެރިވުމަށްފަހުގަ އެވެ.
އެ މައްސަލައާއި ގުޅިގެން އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ އެމީހުންގެ ބަންދަށް ޖަހައިދިން ތިން ދުވަސް މިއަދަށް ހަމަވުމާއި ގުޅިގެން ބަންދާއިމެދު އިތުރު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ގާޒީ ވަނީ އެ ދެ މީހުންގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިދީފައެވެ.




