މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އާރްއޭސީއެލް) އެއްކޮށްލައިގެން ހިންގުމަށް ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިގޮތަށް ނިންމެވީ، ވަޒީރުންގެ ލަފާފުޅާއެކު، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ނިންމެވި ކަންތައްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އިގުތިސާދީ ކަންތައްތައް ރީފޯމްކުރުމުގެ މުހިންމު މަސައްކަތް ރައީސްުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަށްޓަވާފައިވާ ކަމަށާއި، އެސްއޯއީތައް ރީފޯމް ކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުފުޅެއްކަމަށެވެ. އަދި، އިގްތިސާދީ ބޮޑެތި ސްޓަރަކްޗަރަލް ބަދަލުތައް ގެނައުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ތަސައްވުރެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”މިހާރު ސަރުކާރުން ރައީސް ގެންދަވަނީ ކޮންެމެ އާދީއްތަ ދުވަހަކުވެސް މިއަޒާމަށް ވާސިލުވުމަށްޓަަކައި މަސައްކަތް ކުރައްވަމުން. އަދި އޭގެ އިތުރަށް އެމަނިކުފާނުގެ ޑައިރެކްޝަންއަށް އިކޮނޮމިކް އަދި ސޯޝަލް ކައުންސިލުންވެސް މިކަމަށް މަސައްކަތްތަކެއް ދަނީ ކުރަމުން.“ ރައީސް ވިދާޅުވި އެވެ.
މިގޮތުން ކުރެވުނު މަސައްކަތުގެ ދަށުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މުހިންމު ނިންމުންތަކެއް ނިންމެވިކަން އިއުލާން ކުރައްވައި އިކޮނޮމިކް މިނިސްޓަރު މުހަމައްދު ސައީދު ވިދާޅުވީ، އެމްއޭސީއެލްއާއި އާރްއޭސީއެލް މާޖްކޮށްގެން ކުރިޔަށް ގެެންދިއުމަށް މިއަދު ނިންމަވާފައި ވާކަމަށެވެ. އެހެންކަމުން ހަނިމާދޫ ހިމެނޭ ގޮތަށް 8 ޑޮމެސްޓިކް އެއާޕޯޓް ވެސް މާޖްވެގެންދާނެކަމަށެވެ.
މިނިސްޓަަރު ވިދާޅުވީ، މި ދެކުންފުނި އެއްކޮށްލުމުގެ މަސައްކަތް ނިންމާލުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 31 ވަނަ ދުވަހަށް ކަމަށެވެ.
”31 ޖެނުއަރީ 2025 އަށް ދާއިރުގައި މި މަސައްކަތް އިރާދަކުރެއްވިއްޔާ ނިމިފައި އޮންނާނީ. ކޯޕަރޭޓް ގަވަނެންސްގެ އުސޫލުން ދެކުންފުނީގެވެސް ނިންމަންޖެހޭ ނިންމުންތަކާއި، އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ނިންމޭނެ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ދެ ކުންފުނި އެއްކޮށްލުމުގެ ސަބަބުން، ޚަރަދުތައް ކުޑަކުރެވި ދެ ކުންފުންޏަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.



