ތެލެސީމިއާ އަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން މިއަހަރު ފެށި ޕްރޮގްރާމްގެ ދަށުން މާލޭ ސަރަހައްދުގެ ގްރޭޑް ދިހަ އެއްގައި ކިޔަވާކުދިންނަށް އަމާޒުކޮށް ހިންގި ޕްރޮގްރާމް ނިމުނު އިރު4،000އަށްވުރެ ގިނަ ދަރިވަރުން ސްކްރީން ކުރެވިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި ތެލަސީމިއާ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއަށް ގެންދިއުމަށް ރޭވި ހިންގަމުންދާ ޕްރޮގްރާމްތަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމި ގިނަކަންތައްތަކުގެ ތެރޭގައި ހިމެނިފައިވާ ރާއްޖޭގައި ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ގްރޭޑް 10 ނިމުމުގެ ކުރިން ތެލަސީމިއާ ސްކްރީނިންގ ކުރަންޖެހޭނެ ކަމަށް ސަރުކާރުން ނިންމާފައި ވެއެވެ.
މި ނިންމުމާއި ގުޅިގެން ރޭވި ޕްރޮގްރާމްތަކުގެ ދަށުން ފުރަތަމަ މަރުހަލާގެ ތެލަސީމިއާ ސްކްރީންގ ކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރި ކުރުން ގްރޭޓަރ މާލޭ އޭރިއާގައި ނިންމާލިއިރު ހަތަރުހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ސްކްރީންކޮށް ނިންމާފައި ވާކަަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
“ ގްރޭޓަރ މާލެ އޭރިއާގައި ސްކޫލްތަކުގެ ގްރޭޑް 10ގެ 124 ބެލެނިވެރިން ، 198 ދަރިވަރުންނަށް ތެލަސީމިއާ އަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ވަނީ ދީފައި. އަދި 4004 ދަރިވަރުން ވަނީ ތެލަސީމިއާ އަށް ސްކްރީން ކުރެވިފަ. އަތޮޅުތެރޭގައި މިހާތަނަށް 76 ކުދިން ތެލަސީމިއާ އަށް ވަނީ ސްކްރީން ކުރެވިފައި“ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި މާލެއާއި އަތޮޅުތެރޭގެ ސްކޫލް ތަކުގެ ގްރޭޑް 10 ގެ ހުރިހާ ދަރިވަރުންނަށް އަމާޒު ކޮށްގެން ހިންގާފައިވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް، މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ގުޅިގެންނެވެ. މި ޕްރޮގްރާމް ރަސްމީ ގޮތުން ފެށިފައިވަނީ 01 ފެބްރުވަރީ 2024 ވަނަދުވަހުއެވެ. ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް ޑރ. އަބުދުﷲ ޚަލީލްއެވެ.
ތެލަސީމިއާ ޤާނޫން 2012/4 ން ލާޒިމް ކަމެއްކަމަށް ކަނޑައަޅާފައި އޮތްކަމެއް ކަމުގައި ވިއަސް މީގެ ކުރިން މި ޕްރޮގްރާމް މިގޮތަށް ޤަޢުމީ ފެންވަރުގައި ހިންގިފައި ނުވި ނަމަވެސް މި ސަރުކާރުން ފުޅާ ދާއިރާއެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.



