އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ(އައިއޭއީއޭ)ގައި ރާއްޖެއިން ބައިވެރިވާ ގޮތަށް ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިގޮތަށް ނިންމެވީ، ވަޒީރުންގެ ލަފާފުޅާއެކު، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމުތައް ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މިއަދުގެ ޖަލްސާއިން އެގޮތަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް ގާއިމުކުރެއްވުމަށް ނިންަމަވާފައިވާތީ، އެ ހޮސްޕިޓަލް ތަރައްގީކޮށް ރައްޔިތުންނަށް ޚިދުމަތްދޭން ފަށަންވާއިރަށް، އެ ހޮސްޕިޓަލަށް ބޭނުންވާ ބޭހާއި އިކުއިޕްމެންޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްކަމަށެވެ.
ޒަމީރު ވިދާޅުވީ، އެ ހޮސްޕިޓަލަށް ެއެޓޮމިކް އެޖެންސީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެގޮތުން، އެހޮސްޕިޓަލަށް ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމެންޓް ހޯދުމާއި، ވޭސްޓް މެނޭޖް ކުރުމަކީ އައިއޭއީއޭގެ މެންޑޭޓްގެ ތެރޭގައި ހިމެނޭކަމަކަށްވާތީ އެކަންކަން ކުރުމަށްޓަކައި ހެލެތް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރި ކަމަށެވެ. އަދި ޖަމްއިއްޔާގައި ބައިވެރިވާން ސޮއިކުރެވި މެމްބަރޝިޕް ލިބޭ ހިސާބުން މިކަމުގައި އިސްވެ ރާއްެޖެއިން މަސައްކަތް ކުރާނީ ޑިފެންސް މިނިސްޓްރީންކަަން މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އައިއޭއީގައި ބައިވެރިވުމަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅައި، އެމަރުހަލާ ނިމުމާއެކު މަސައްކަތްތައް ކުރިޔަށްގެންދާނެކަމަށެވެ. އަދި އެއީ ދިގު މަރުހަލާއެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ،ކެންސަރު ހޮސްޕިޓަލް ނިމެންވާއިރަށް ރާއްޖެއިން އައިއޭއީގައި ބައިވެރިވެ، އެއޭޖެންސީތެރެއިން ލިބެން ހުރި ފައިދާތައް ލިބޭވަރުވާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އައިއޭއީއޭ އަކީ 29 ޖުލައި 1957 ގައި އދ ގެ ދަށުން އުފެއްދި ޖަމްއިއްޔާއެކެވެ.އެ ޖަމްއިއްޔާގެ މެމްބަރުންގެ ގޮތުގައި 178 ގައުމެއް އެބަައޮތެވެ. ދެކުނު އޭޝިއާގެ ސަރަހައްދުން މި ޖަމްއިއްޔާގައި ބައިވެރިވެފައި ނުވަނީ ރާއްޖެއާއި ބޫޓާން އެކަންޏެވެ.



