ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ)، ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ، ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ބޯހިޔާޥަހިކަމާއި ގުޅޭ ސަރުކާރުގެ ކުންފުނިތަކަށް ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ގޮތް ހިއްސާކުރައްވަމުން ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ޑރ. ހައިދަރު ވިދާޅުވީ، މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމެވީ އެޗްޑީސީގެ ސަބްސިޑަރީއެއްގެ ގޮތުގައި އެފްޑީސީ ހަމަޖެއްސުމަށް ސަރުކާރުން ނިންމަވާފައިވާކަމަށާއި، މިބަދަލާއެކު ދެން ރާއްޖޭގެ ހުރިހައި ސަރަަހައްދެއްގައި އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިޔަށް ގެންދާނީ އެފްޑީސީގެ ދަށުންކަމަށެވެ.
”އެފްޑީސީއަކީ މިހާރު އަސާސީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ކުރިޔަށްގެންދާ ކުންފުންޏެއް. ސަރުކާރުން މިހާރު ނިންމަވާފައި މިއޮތީ،އެފްޑީސީން އަސާސީ ބޯހިޔާވަހިކަމުގެ މަސައްކަތުގައި މުޅި ރާއްޖޭގައިވެސް މަޝްރޫއުތަކެއް ހިންގަން.އެކަމަކު އެކަން ކުރާނީ އެޗްޑީސީގެ ސަބްސިޑަރީއެއްގެ ގޮތުގައި އޮވެގެން.“ މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވި އެވެ.
ޑރ. ހައިދަރު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، މިއަދު ގެނައި ބަދަލާއި ގުޅިގެން މީގެ ފަހުން އެޗްޑީސީ މާސްޓަރ ޑެވެލޮޕަރ އެއްގޮތަށް އެސައިންކޮށްފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެއާއި، ގުޅީފަޅާއި، ގިރާވަރު ފަޅާއި، ފުށީދިއްގަރާއި، ސަރުކާރުން ރާއްޖޭގައި މިހާރު ތަރައްގީކުރަމުން އަންނަ އާބަން ސެންޓަރުތަކުގެ ޑެވެލޮޕާ އެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެޗްޑީސީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެޗްޑިސީ އަކީ އާންމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅު ތަންފީޒްކުރާނެ ގޮތްތަކެއް ދެނެގަތުމަށް މިއަދުގެ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ނަމަވެސް، އެކަމަށް ވަކިގޮތްތަކެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި، އެކަމާއި ދިރާސާކޮށް އެކަންކުރެވޭނެ ގޮތްތަކެއް ކަނޑައެޅިގެންދިއުމާއެކު، އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.




