ތާރީޚު ދިރާސާކުރައްވާ ޢިލްމުވެރިންގެ ދިރާސާތަކުން ދައްކާގޮތުގައި، ދިވެހިރާއްޖޭގައި އިންސާނުން ދިރިއުޅެން ފަށާފައިވަނީ މީގެ ތިންހަތަރުހާހެއްހާ އަހަރު ކުރިންކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މި ދިގު މާޒީގެ ތަފްޞީލީ މަޢުލޫމާތު ހިމެނޭ ލިޔެކިޔުންތައް މިހާތަނަށް ލިބިފައިނުވާތީ، އެ ދުރު ޒަމާންތަކުގައި ހިނގައިދިޔަ ކަންކަމާ ބެހޭގޮތުން ޔަޤީންކަމާއެކު އެއްޗެއް ބުނުމަކީ ދަތިކަމެކެވެ. އެހެންނަމަވެސް، ޝައްކެއްނެތް ގޮތުގައި ދިވެހިންނަކީ ޤަދީމީ ނަސްލެއްކަމާއި، މި ޤައުމުގައި ވަރަށް ކުރީއްސުރެ ތަހުޒީބީ މުޖުތަމަޢެއް ޤާއިމުވެފައިވާކަން އެނގެއެވެ. މިކަމަށް ރިޢާޔަތްކޮށް ބަލާއިރު، ދިވެހިރާއްޖޭގެ ތާރީޚުގައި މިނިވަންކަމާއި އަޅުވެތިކަމުގެ ތަފާތު ދައުރުތައް އައިސްފައިވުމަކީ އެކަށީގެންވާ ކަމެކެވެ.
އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، އެނގިފައިވާ އެންމެ ޤަދީމީ ހާދިސާއަކީ، މީލާދީން 900 ގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ 1000 ގެ އަހަރުތަކުގެ ކުރީކޮޅުގައި، ދެކުނުއިންޑިޔާގައި އޮތް ޗޯޅާ ރަސްކަމުގެ މީހުން ދިވެހިރާއްޖެއިން ބައެއް އަޅުވެތިކޮށްގެން އުޅުނު ހާދިސާއެވެ. ތާރީޚީ ރެކޯޑުތަކުން ހާމަވާ ގޮތުގައި، ޗޯޅާއިން ދިވެހިރާއްޖޭގެ ރަށްތަކެއް އިސްތިއުމާރުކުރިއެވެ. މި ކާމިޔާބީއަކީ ޗޯޅާ ވެރިންނަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުގައި ބެލެވުނެވެ. މީގެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގެ ޖޯގުރަފީގެ ސަބަބުން ބޭރުގެ ބާރުތަކަށް ރާއްޖެ ހިފުމަކީ ނުހަނު ދަތި ކަމަކަށްވެފައި އޮތުމެވެ. ޗޯޅާ ވެރިކަމުގެ މި ކާމިޔާބީގެ ތާރީޚީ ހެކި ފެންނަން ހުރި ތަންތަނުގެ ތެރޭގައި، އެ ދައުލަތުގެ ރަސްކަލެއް ކަމަށްވާ ރާޖާރާޖާ ދަގްރޭޓޭގެ އަމުރުފުޅަށް ބިނާކުރެވުނު ފައްޅިއެއްގައި ކަނޑައި ނަގާފައިވާ ލިޔުމެއް ހިމެނެއެވެ. މި ލިޔުމުގައި ދިވެހިރާއްޖޭގެ ބައެއް ހިފި ވާހަކަ ބަޔާންކޮށްފައި އޮންނަކަމަށްވެއެވެ.
ދިވެހިރާއްޖެއިން ބައެއް ޗޯޅާއިންގެ އަތްދަށުގައި ގާތްގަނޑަކަށް ސަތޭކަ އަހަރު ވަންދެން އޮތްކަމަށް ބުނެވެއެވެ. ފަހުން ދިވެހި ރަސްކަލަކު ތިލަދުންމަތީގެ ރަށްތަކާއި މަލިކު ހިމެނޭހެން ދިވެހިރާއްޖޭގެ އުތުރުގައި ހުރި އަތޮޅުތައް މިނިވަންކުރެއްވިއެވެ. މި ދުވަސްވަރަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގެ ޒަމާނެކެވެ. އޭރު ދިވެހިންގެ މައިގަނޑު ދީނަކީ ބުދުދީނެވެ. ދިވެހިރާއްޖެ އިސްލާމީ ޤައުމަކަށް ބަދަލުވީ މީލާދީން 1153 ވަނަ އަހަރުގެ ތެރޭގައެވެ. މިކަން ހިނގީ އޭރު ވެރިކަމުގައި ހުންނެވި ތީމުގޭ ދަރިކޮޅުގެ ރަސްކަލަކު، ތަބްރޭޒުގެފާނުގެ އަތްޕުޅުމައްޗަށް އިސްލާމްވެ ވަޑައިގަތުމުންނެވެ.
ޗޯޅާއިންގެ ވެރިކަމުން މިނިވަންވުމަށްފަހު، ދިވެހިން ގާތްގަނޑަކަށް ފަސްސަތޭކައެއްހާ އަހަރު ވަންދެން އެ މިނިވަންކަން މަތީ ދެމިތިއްބެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަމަށް ދެވަނަ ފަހަރަށް ނުރައްކާވީ ޤައުމުގެ އެތެރޭގައި އުފެދުނު ސިޔާސީ ހަމަނުޖެހުމެއްގެ ސަބަބުންނެވެ. މި ދުވަސްވަރަކީ މަޝްހޫރު ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ޒަމާނެވެ. ހިލާލީ ދަރިކޮޅުގެ ވެރިކަމުގެ ދައުރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑަށް ސިޔާސީ ހަމަނުޖެހުން އޮތް ދުވަސްވަރު ކަމުގައި ބެލެވެއެވެ. ދިވެހީންގެ ފޯކްލޯރުގައި ބަޔާންކުރެވޭ ގޮތުގައި، ހިލާލީންގެ ދުވަސްވަރު ރެއަކާއި ދުވާލެއްގެ ތެރޭގައި ބާރަ ފަހަރަށް ރަސްކަން ބަދަލުވެގެން ދިޔަ ކަމަށް ބުނެވެއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަން ދެވަނަ ފަހަރަށް ގެއްލުނު ހާދިސާއާ ބެހޭ ގޮތުން ލިޔުމުގެ ކުރިން، އޭގެ އަހަރުތަކެއް ކުރިން ހިނގާފައިވާ އެހެން މުހިންމު ހާދިސާއެއްގެ ވާހަކަ ލިޔެލާނަމެވެ. އެއީ ހިލާލީ ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ އައްސުލްތާނު ޔޫސުފު ދެވަނައިގެ ދުވަސްވަރު، ޗައިނާގެ މިންގް އެމްޕަޔަރގެ ކަނޑުމަތީ ސިފައިންގެ ވެރިޔާ ޗެންގްހޯ، ބޮޑު އަސްކަރީ އުޅަނދުފަހަރުގެ އަރުމާދަކާއެކު ސިލޯނުގެ ރަސްގެފާނު ހައްޔަރުކޮށް، ކޮއްޓަކަށް ލައިގެން ދިވެހިރާއްޖެއަށް އައިސް، ރާއްޖޭގެ ރަސްގެފާނަށް ބިރުދެއްކި ހާދިސާއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެ ޗައިނާއަށް ޖިޒީ ދައްކާ ޤައުމަކަށް ހެދި ކަމަށާއި، ރާއްޖެއިން ޗައިނާގެ އެމްޕަރަރަށް ގިނަ އަދަދެއްގެ ހަދިޔާ ފޮނުވި ކަމަށް ޗައިނާގެ ތާރީޚީ ލިޔެކިޔުންތަކުން އެނގެއެވެ. ނަމަވެސް، މި ވާހަކަ ދިވެހިރާއްޖޭގެ ތާރީޚުން އެހާ ސާފުކޮށް ފެންނާކަށް ނެތެވެ. އަދި އޭގެ ފަހުން ޗައިނާއަށް ޖިޒީއެއްގެ ގޮތުގައި އެއްޗެއް ފޮނުވިކަން އެނގޭކަށްވެސް ނެތެވެ. ދިވެހި ރަސްރަސްކަލުން އާދަކާދައިގެ ގޮތުން، ދޭދޭ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް، ދިވެހި ވިޔަފާރި ކުރިއެރުވުމުގެ މަޤްޞަދުގައި އެކި ޤައުމުތަކަށް ވެދުން ފޮނުއްވަމުން ގެންދެވިއެވެ. މިސާލަކަށް، މީލާދީން 362 ވަނަ އަހަރު ރޯމަން އެމްޕަރަރ ޖޫލިއަންގެ އަރިހަށް ވެދުން ފޮނުއްވިކަން ރޯމަނުންގެ ތާރީޚީ ލިޔެކިޔުންތަކުން އެނގެން އެބައޮތެވެ.
ތާރީޚީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ދިވެހިންގެ މިނިވަންކަން ދެވަނަ ފަހަރަށް ގެއްލުވާލި ޕޯޗުގީޒުންނާއި ދިވެހިންނާ ދެމެދު ފުރަތަމަ މުޢާމަލާތް ހިނގާފައިވަނީ، ޔޫސުފް ރަސްގެފާނަށް ފަހު ރަސްކަމަށް އިސްވެވަޑައިގެންނެވި ރަސްރަސްކަލުންގެ ތެރެއިން ކަޅު މުޙައްމަދު ރަސްގެފާނުގެ ދައުރުގައެވެ. އެރަދުން، އެރަދުންގެ ރަސްކަން ގެއްލިގެން ހޯއްދަވަން ޕޯޗުގީޒުންގެ އެހީތެރިކަން ހޯއްދެވި ހިސާބުންނެވެ. އެ ދުވަސްވަރު، އިންޑިޔާ ބައްރުގެ ގޯވާގައި ވަޒަންވެރިވެފައިވާ ޕޯޗުގީޒުންގެ ސަމާލުކަން ދިވެހިރާއްޖޭގެ މައްޗަށް ވަނީ އުފެދިފައެވެ. އޭރު ދިވެހިރާއްޖޭގައި އުފައްދަމުންދިޔަ ރޯނަކީ މުޅި ސަރަޙައްދުގައިވެސް އުފެއްދޭ އެންމެ ރަނގަޅު ފެންވަރުގެ ރޯނެވެ. މިއީ ޕޯޗުގީޒުންގެ ކަނޑު ދަތުރުފަތުރުގެ އުޅަނދުފަހަރަށް ނުހަނު މުހިންމު އެއްޗެކެވެ. ހަމައެހެންމެ، ދިވެހިރާއްޖެއިން ބޭރުކުރާ ބޮއްޔަކީވެސް އެފަދައިން ބޭނުންތެރި މުދަލެކެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ބަނދަރުތަކަށް އައިސް މަޑުކޮށްގެން ވިޔަފާރިކުރާ އިންޑިޔާ ކަނޑުގެ ވަށައިގެންވާ ޤައުމުތަކުގެ އުޅަނދުފަހަރުން ދިވެހިރާއްޖެއަށް ލިބެމުންދިޔަ އާމްދަނީއަކީވެސް، ޕޯޗުގީޒުން ދިވެހިރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވި އެއް ސަބަބެވެ. މި ހުރިހާ ކަމަކަށްޓަކައި، ޕޯޗުގީޒުން ތިބީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ބާރު އަތުލައިގަތުމަށް ފުރުޞަތަކަށް ބަލައިގެންނެވެ.
ދިވެހިރާއްޖޭގެ ހިލާލީ ރަސްކަމުގެ ހަމަނުޖެހުންތަކުގެ ތެރެއިން، ކަޅު މުޙައްމަދު ރަސްގެފާނުގެ ކާފަދަރިކަލުން ނުވަވަނަ ހަސަން ރަސްގެފާނު ނަމަކަށް ކިޔުނު ޒުވާން ރަސްކަލަކު، ރަސްކަން ނުކުރެއްވިގެން އަމިއްލަފުޅަށް ރަސްކަމުން ފައިބައިވަޑައިގެން ރާއްޖެ ދޫކުރައްވައި އިންޑިޔާ ބައްރަށް ވަޑައިގެން، ގޯވާގައި ތިބި ޕޯޗުގީޒުންގެ އެހީތެރިކަމާއެކު އަލުން ރަސްކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވިއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ޕޯޗުގީޒުން ދިވެހިރާއްޖެ ހިފީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހު (މީލާދީން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު) އެވެ. ރާއްޖެ ހިފުމުގައި އިސްކޮށް ހަރަކާތްތެރިވީ ގޯވާގެ ޕޯޗުގީޒުންގެ ތެރޭގައި ހިމެނޭ، ދިވެހިރާއްޖޭގައި އުޅެ ބޮޑުވެފައިވާ ދިވެހީންނާއި، ދިވެހިރާއްޖެ ރަނގަޅަށް ދަންނަ ”އަނދިރި އަނދިރީން“ އޭ ކިޔުނު މީހެކެވެ. މި ހަމަލާގައި އޭރު ރަސްކަމުގައި ހުންނެވި އަލިރަސްގެފާނު ޝަހީދުކޮށްލެވުނެވެ. ޕޯޗުގީޒުންނަށް ރާއްޖެ ހިފުނީ ދެތިން ފަހަރެއްގެ މަތިން ހަމަލާ ދިނުމަށްފަހުގައެވެ.
އަނދިރި އަނދިރީން މާލެއަށް އަރައި ރާއްޖޭގެ މައްޗަށް ވެރިވެގަނެ މުޅި ދިވެހިރާއްޖޭގެ މައްޗަށް އަނިޔާވެރިކަން ފެތުރިއެވެ. މީސްމީހުންގެ މުދާތައް ފޭރި ދިވެހި އަންހެނުންގެ އިއްފަތްތެރިކަން ފޭރުން ޢާއްމުކުރިއެވެ. ދިވެހިރާއްޖެއިން އިސްލާމީވަންތަ ސިފަ ފޮހެލައި ދިވެހީން ޣައިރު ދީނަށް ވައްދަން ނުބައި ރޭވުންތައް ރޭވިއެވެ. މިއަނިޔާވެރި ޣައިރު މުސްލިމުންނާ ދެކޮޅަށް ދިވެހީންގެ ތެރެއިން ހިތްވަރުގަދަ ބަޔަކު ނުކުތެވެ. އާދެ! ބޮޑުތަކުރުފާނުގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، އަލިތަކުރުފާނާއި، ހަސަންތަކުރުފާނާއި، އަދި ދަންޑެހެލާއި، ދެ ހާޖީންނާއެކު، ނިކުންނަވައި ހަނގުރާމަކުރައްވައި ދިވެހިރާއްޖެ ބޭރުގެ އަނިޔާވެރި ޣައިރު ދީނު ބާރުތަކުގެ އަތްދަށުން މިނިވަންކުރެއްވިއެވެ. މި ތާރީޚީ ހާދިސާ ހިނގީ ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު، ނުވަތަ މީލާދީގޮތުން 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. މި މަތިވެރި މަސައްކަތުގެ ސަބަބުން، ދިވެހިރާއްޖެ އަނބުރައި ދިވެހި ރައްޔިތުންގެ އަތްމައްޗަށް އައިސް، ޤައުމުގެ ސިޔާދަތު އަލުން ޤާއިމުކުރެވުނެވެ.
އޭގެ ފަހުން، ގާތްގަނޑަކަށް ދުއިސައްތަ އަހަރު ވަންދެން ދިވެހިރާއްޖެ މިނިވަންކަމާއެކު ދެމިއޮތުމަށްފަހު، އަނެއްކާވެސް ބޭރުގެ ބާރެއްގެ ދަށަށް ވަދެގެން ދިޔައެވެ. މި ފަހަރު ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ހާދިސާއާއި، ޕޯޗުގީޒުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދާ ކޮންމެވެސް މިންވަރެއްގެ ގުޅުމެއްވެއެވެ. މި ގުޅުން އުފެދިފައިވަނީ ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަންކުރެއްވުމުގައި ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަން ހޯއްދެވުމުގެ ސަބަބުންނެވެ. ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވީ އަލީރާޖާގެ ސިފައިންގެ އެހީތެރިކަމާ ވެސް އެކުގައެވެ. ނަމަވެސް، އެ އެހީތެރިކަން ދިނުމުގައި އެމީހުން ޝަރުޠުކޮށްފައިވަނީ ދިވެހިރާއްޖޭގެ ބައެއް ރަށްތައް އެމީހުންނަށް ދިނުމަށެވެ. ބޮޑުތަކުރުފާނު އެމީހުންނަށް ދެއްވީ ކުޑަ ރަށްގަނޑެކެވެ. މި ކަމާމެދު ހިތްހަމަނުޖެހިގެން، އެމީހުން އުތުރުގެ ބައެއް ރަށްތަކަށް ހަމަލާދީ، މުދާތައް ފޭރިގަނެގެން އެނބުރި ދިޔަކަމަށް ތާރީޚީ ލިޔުންތަކުން އެނގެއެވެ. މި ހާދިސާއަށްފަހު، އަލީރާޖާއިން ދިވެހިރާއްޖެ އަތުލައިގަތުމުގެ ވިސްނުން ގެންގުޅެމުން ދިޔައެވެ. މިގޮތުން، އެކި ދުވަސްވަރު ދިވެހިރާއްޖެއަށް އެމީހުންގެ ހަމަލާތައް އަމާޒުވިއެވެ. އަދި ހަމައެހެންމެ، ޕޯޗުގީޒުންގެ ހަމަލާތައް ވެސް ދިވެހިރާއްޖެއަށް ކުރިމަތިވަމުން ދިޔައެވެ.
ބޮޑުރަސްގެފާނު މާލެ ވަށައިގެން ބޮޑުފާރު ރާނުއްވައި، ބުރުޒުތައް ބިނާކުރެއްވީ 1632 ވަނަ އަހަރު ޕޯޗުގީޒުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައަކަށް ފަހުގައެވެ. އެފަހަރު ދިފާޢީ ފާރުތަކާއި ބުރުޒުތައް ނެތުމާއެކުވެސް މޮޅުވީ ދިވެހީންނެވެ. ޕޯޗުގީޒުން ދިވެހިރާއްޖެއަށް އެންމެ ފަހުން ހަމަލާދިނީ ބޮޑުރަސްގެފާނުގެ ދަރިކަލުން، އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައެވެ. އެ ހަމަލާގައިވެސް މޮޅުވީ ދިވެހީންނެވެ. އޭގެ ފަހުން، އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އަލީރާޖާގެ ހަމަލާތައް އިންތިހާއަށް އިތުރުވެގެން ދިޔައެވެ. އެކަމުގެ ސަބަބުން އެމީހުންނަށް ފިލާވަޅެއް ދެއްވުމުގެ ގޮތުން، ދިވެހި ސިފައިން ފޮނުއްވައި، އަލީރާޖާގެ ވެރިކަމުގެ ދަށުގައި އޮތް ދީވަންދުރޯގެ ރަށްތަކަށް ހަމަލާދެއްވިއެވެ. މި ހަމަލާގައި، މަލާބާރީން ދިވެހިރާއްޖޭގެ ރަށްތަކާމެދު ޢަމަލުކުރި އުސޫލުން ކަންތައް ކުރިކަމަށް ތާރީޚުގައި ލިޔެވިފައިވެއެވެ. މީގެ އިތުރުން، އަލީރާޖާގެ ދަށުގައި އޮތް ދިވެހި ރަށެއްކަމުގައިވާ މަލިކުގެ ބޮޑުން ހައްޔަރުކުރައްވައި މާލެ ގެންނެވިއެވެ. އަދި މަލިކަކީ ދިވެހިރާއްޖޭގެ ރަދުންނަށް ވާރުދައްކާ ރަށެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. ވަރަށް އިހުޒަމާނުގައި މަލިކަކީ ދިވެހި ރަށެއް ކަމުގައިވީ ނަމަވެސް، ބޮޑުތަކުރުފާނުގެ ދުވަސްވަރުގައްޔާއި އޭގެ ފަހުން އިސްކަންދަރު ރަސްގެފާނުގެ ވެރިކަމާ ހަމައަށް، މަލިކު އޮތީ ކަންނަންނޫރު އަލީރާޖާގެ ބާރުގެ ދަށުގައެވެ. ނަމަވެސް، އެ ރަށުގައި އަބަދުވެސް ދިރިއުޅެމުން އައީ ދިވެހީންނެވެ. އިސްކަންދަރު ރަސްގެފާނު މަލިކު ހިއްޕެވުމަށްފަހު، ކޮރުބަންޑާރައިންގެ ރަސްކަމުގައި ހޮޅީން ރާއްޖެއަށް ހަމަލާދީ ހިފަންދެން، މަލިކު އޮތީ ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައެވެ. މިކަން ސާބިތުވަނީ އެ ދެމެދުގައި ރަސްކަން ކުރެއްވި އެންމެހައި ރަސްރަސްކަލުންގެ ރަސްމީ ސިއްކަ ޖައްސަވާފައިވާ ރަސްމީ ފަތްފަތްކޮޅުތަކުންނެވެ.
ކޮރުބަންޑާރައިންގެ ރަސްކަމުގައި، އަލީރާޖާ ދިވެހިރާއްޖެ ހިފުމުގައި، އޭރު ރާއްޖޭގެ ފަނޑިޔާރުކަމުގައި ހުންނެވި މުޙައްމަދު ޝަމްސުއްދީނާއި، އެކަލޭގެފާނުގެ ކޮއްކޮ، އޭރުގެ ޚަތީބު އަޙްމަދު މުޙްޔިއްދީނުގެ އެހީތެރިކަން ލިބުނުކަން ތާރީޚީ ލިޔެކިޔުންތަކުން ހާމަވެއެވެ. މި ދެ ބޭކަލުންނަކީވެސް މަޝްހޫރު ފަނޑިޔާރު ހަސަން ތާޖުއްދީނުގެ ދެ ދަރިކަލުންނެވެ. އެ ދުވަސްވަރު، އަލީރާޖާގެ ސިފައިން ރާއްޖެއަށް ހަމަލާދީ ރާއްޖޭގެ ރަދުން ހައްޔަރުކޮށްގެން ގެންދިޔައެވެ. ދިވެހިރާއްޖެ އިސްލާމްވުމަށްފަހު، ދިވެހިރާއްޖެ ބޭރު ޤައުމެއްގެ ރަސްކަލެއްގެ ބާރުގެ ދަށަށް ދިޔަކަން އެނގެން އޮތް ފުރަތަމަ ފަހަރަކީ މިއީއެވެ. މި ހާދިސާ ހިނގީ މީލާދީން 1752 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، މާތްﷲގެ ރަޙުމަތްފުޅުން، މި އަޅުވެތިކަމުގައި ދިވެހިރާއްޖެ އޮތީ ހަތަރު މަހެއްހާ ދުވަހު އެކަންޏެވެ. މުލީގޭ ދޮން ހަސަން މަނިކުފާނާއި އެ މަނިކުފާނަށް އެހީތެރިވި ބަޔަކާ އެކު ނުކުމެވަޑައިގެން، އޭރު މާލޭގެ ވެރިޔަކަށް ހުރި މަލިކު މުޙައްމަދު ބަންޑޯރު މަނިކާއި އޭނާއާއެކު ތިބި ހޮޅީންނާ ހަނގުރާމަކުރައްވައި، އަލީރާޖާގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރެއްވިއެވެ. މި ކާމިޔާބީއަކީ، ޙަޤީޤަތުގައި ދިވެހިރާއްޖެ މިނިވަންވި ދުވަހެވެ. ދިވެހިންގެ އަސްލު މިނިވަންކަމުގެ ދުވަހަކީ މިއީކަމުގައި އަޅުގަނޑު ދެކެމެވެ.
މުލީގޭ ދޮންހަސަން މަނިކުފާނު (ފަހުން ދޮންބަންޑާރައިން) އަލީރާޖާގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެވި ދުވަހަކީ ދިވެހިރާއްޖޭ ޙަޤީޤީ މިނިވަން ދުވަހޭ މި ދެންނެވީ ސަބަބެއް ނެތިއެއް ނޫނެވެ. 1752 ގައި ރާއްޖެއިން ވަކިވެފައިވާ މަލިކަށް ވީ ގޮތާމެދު ވިސްނާލުމުން އެކަން އެނގޭނެއެވެ. އަލީރާޖާގެ އަތްދަށުން، އިނގިރޭސީންގެ އަތްދަށަށް ގޮސް، އެންމެފަހުން އިންޑިޔާއަށް މިނިވަންކަން ލިބުނުއިރު، މަލިކު ވެގެންދިޔައީ މިނިވަން ޖުމްހޫރީ އިންޑިޔާގެ ރަށަކަށެވެ. ދޮންބަންޑާރައިން މެދުވެރިކުރައްވައި މާތްރަސްކަލާނގެ އަލީރާޖާގެ ކިބައިން ދިވެހިރާއްޖެ މިނިވަން ނުކުރެއްވި ނަމަހީ ރާއްޖެވެސް އޮތީހީ އެފަދަ ގޮތަކަށޭ ދެންނެވިދާނެއެވެ. އެހެންވީމާ ދިވެހީން މިދެކޭ މިނިވަންކަމުގެ އެންމެ އިސް ބަތަލަކީ ދޮންބަންޑާރައިން ކަމުގައި އަޅުގަނޑު ދެކެމެވެ.
ދޮންބަންޑާރައިންގެ ދަރިކޮޅުން ގާއިމުކުރެއްވި ހުރާގޭ ރަސްކަމުގެ ދުވަސްވަރަކީ، އިނގިރޭސީން އިންޑިޔާ ބައްރުގެ ޤައުމުތަކާއި ސިލޯނު ފަދަ ސަރަޙައްދުތައް އިސްތިޢުމާރުކުރަމުންދިޔަ ޒަމާނެވެ. ދިވެހިރާއްޖެ އޮތީ އެމީހުންގެ ދަތުރުފަތުރުގެ.މައި މަގުމަތީގައެވެ. ރާއްޖޭގެ ފަރުތައް އިނގިރޭސީންގެ އުޅަނދުފަހަރަށް ނުރައްކާތެރި ދަންތުރައަކަށް ވެފައިވީ ނަމަވެސް، އެއީ ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ޤުދުރަތީ ދިފާޢެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ ފަރުތަކަކީ ބޭރުގެ ބަޔަކަށް ފަސޭހައިން ވަދެވޭނެ ތަންތަނަކަށް ނުވުމެވެ. މި ހުރަސް ނައްތާލުމަށްޓަކައި، އިނގިރޭސީން އެންމެ ފުރަތަމަ މަސައްކަތްކުރީ ރާއްޖެއަށް ފަސޭހައިން ވަދެވޭނެ މަގެއް ހޯދުމަށެވެ. މި ގޮތުން، މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައި، ގަލޮޅުގޭ ދޮންއަހުމަދު ދީދީ (ފަހުން އަތިރީގޭ އައުލާދު ކަމަށް މަޝްހޫރުވި ޢާއިލާގެ ބޭފުޅެއް) ގެ އެހީތެރިކަމާއެކު، އިނގިރޭސި އިންޑިޔާގެ ކަނޑުމަތީ ސިފައިންގެ ކޮމާންޑަރު ރޮބަޓް މޯޒްބީ ވަނީ 1844 ވަނަ އަހަރު ދިވެހިރާއްޖޭގެ ވަރަށް ތަފްޞީލީ ޗާޓެއް ތައްޔާރުކޮށް، އިނގިރޭސީންނަށް ދިވެހިރާއްޖެ ”ހުޅުވާލަ“ދީފައެވެ.
އިނގިރޭސީން ދިވެހިރާއްޖެއާ ބެހުމުގެ އިތުރު ސަބަބުތަކެއް ވެސް ވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ސަބަބަކީ އޭރުގެ ސިޔާސީ މަސްރަޙުގައި އުފެދިފައިވާ ވާދަވެރިކަމެވެ. މި ވާދަވެރިކަން އޮތީ އަތިރީގެއާއި ކަކާގޭ ސިޔާސީ ލީޑަރުންނާ ދެމެދުގައެވެ. ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަން ދައުރުކުރަމުން ދިޔައީ މި ދެޢާއިލާގެ ތެރޭގައެވެ. މި ވާދަވެރިކަމުގެ ނަތީޖާއެއްގެ ގޮތުން ކަކާގޭ ވެރިކަމުގައި ދިވެހިރާއްޖެއަށް ވޯރާ ވިޔަފާރިން އައިސް ތިބެ ވިޔަފާރިކުރުމުގެ ހުއްދަދިނެވެ. ފަހުން ޒަމާންތަކެއް ވަންދެން ދިވެހިރާއްޖޭގެ ވިޔަފާރި ކޮންޓްރޯލްކުރީ މިބައިމީހުންނެވެ. ހަމައެހެންމެ އަތިރީގެއާއި ކަކާގޭ ދެމެދު ހިނގި ސިޔާސީ ވާދަވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، އަތިރީގޭ މީހުންގެ ނުފޫޒުން، 1887 ވަނަ އަހަރު ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ޙިމާޔަތުގެ ދަށަށް ދިޔައެވެ. ނަމަވެސް، މިއީ 1752 ގައި ޢަލީރާޖާގެ ދަށަށް، އަދި 1558 ގައި ޕޯޗުގީޒުންގެ ދަށަށް ދިޔަ ފަދައިން ޤައުމުގެ މިނިވަންކަން އެއްކޮށް ގެއްލުނު ހާދިސާއެއް ނޫނެވެ. އޭގެ ސަބަބަކީ، އިނގިރޭސިވިލާތުގެ ޙިމާޔަތުގެ ދަށަށް ދިޔަ ނަމަވެސް، ދިވެހިރާއްޖޭގައި ދިވެހީންގެ ރަސްކަމާއި އަމިއްލަ ވެރިކަން ދެމެހެއްޓިފައި އޮތުމެވެ.
1965 ގެ ޖުލައި މަހުގެ 26 ގައި އިނގިރޭސިވިލާތުގެ ޙިމާޔަތުން ދިވެހިރާއްޖެ ވަކިވެ، ފުރިހަމަ މިނިވަންކަން ހާސިލުކުރި އިރުވެސް، ދިވެހިރާއްޖޭގައި ރަދުންނާއި ބޮޑުވަޒީރެއް ވެރިކަމުގައި ތިއްބެވިއެވެ. އެހެންނަމަވެސް، ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ދިވެހިރާއްޖެއަށް ހޯދައިދެއްވި މިނިވަންކަމަކީ މުޅިން ތަފާތު ގޮތަކަށް ހާސިލުކުރެވުނު މިނިވަންކަމެކެވެ. އެއީ ބޭރުގެ ބާރުތަކުން ރާއްޖޭގެ ވެރިކަން ފޭރިގަނެގެން ރާއްޖޭގައި ގާއިމުވެ އަނިޔާވެރި ވެރިކަމެއް ކުރަމުން ގެންދަނިކޮށް، އެފަރާތްތަކާ ހަނގުރާމަކޮށް، ދިވެހިންނަށް ދިވެހިންގެ އަމިއްލަ ވެރިކަން އަނބުރައި ހޯދައިދިން މިނިވަންކަމެކެވެ. މިގޮތުން، ބޮޑުތަކުރުފާނު ޤައުމު މިނިވަންކުރެއްވި ދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ އިރު، ދޮންބަންޑާރައިން މިނިވަންކުރެއްވި ދުވަސް ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ. މިފަދަ ދުވަސްތައް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، އެ މަތިވެރި ލީޑަރުން ދިވެހިރާއްޖެއަށް ހޯދައިދެއްވި މިނިވަންކަމުގެ އަގު ވަޒަންކުރުމާއެކު، އެ މިނިވަންކަން ދެމެހެއްޓުމަށް ދިވެހި ރައްޔިތުން ގަދައަޅައި މަސައްކަތްކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމެވެ.




1 Comment
ޕޯޗުގީޒުން އަތްދަށުވި ވާހަކަތައް ލިޔެވިފަި ހުރީ ތާރީޙީ ކޮން ކޮން ފޮތް ތަކެއްގަ ތޯ؟ ޕޯޗުގީޒުން އެވާހަކަތައް އެމީހުނގެ ލިޔުން ތަކުގައި ހިމަނައިފައި އެބަހުރިިތޯ؟