މިލަދުންމަޑުލު ދެކުނުބުރީގައި ވަވަތި ނަމަކަށް ކިޔާ ކުޑަ ރަށެއް އޮވެއެވެ. މި ރަށަކީ 1910 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅެމުން އައި ރަށެކެވެ. ނަމަވެސް، މި ރަށުގެ އާބާދީއަކީ އެހާ ބޮޑު އާބާދީއެއް ނޫނެވެ. އެރަށުގައި ދިރިއުޅުނީ މަދު އަދަދެއްގެ ޢާއިލާތަކެކެވެ. ގާތްގަނޑަކަށް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 20 އާއި 30 އާ ދެމެދުގެ އަދަދެއްގެ މީހުންނެވެ.
ވަވައްޗަކީ ބިންގަނޑު މޮޅު ރަށެކެވެ. އެގޮތުން އެއީ ގިނަ އަދަދެއްގެ ރުއް ހެދިފައި އޮންނަ ރަށެކެވެ. އެ ރަށުގައި އުސްކޮށް ހެދިފައިވާ، މަތިވަރު ރަނގަޅު، ފޯދިފައިވާ ރުކުގެ ދަނޑުތައް ވަރަށް ގިނައެވެ. މި ރުއްދަނޑުތަކުން ރަށުގެ ކޮންމެ ޢާއިލާއަކަށްވެސް ގިނަ އަދަދެއްގެ ރުއް މިލްކުވެފައި ވެއެވެ. އިހުގައި އޮންނަ އުސޫލުން ރުއްތަކުގެ ދެބައިކުޅަ އެއްބައި އޮންނަނީ ފާލައްބައިގެ ގޮތުގައި ބަންޑާރައަށެވެ. މާނައަކީ ސަރުކާރަށެވެ. ރުއްތަކުން ލިބޭ ކާށީގެ ދެބައިކުޅަ އެއްބައި ވަރުވާގެ ގޮތުގައި ބަންޑާރައަށް (ސަރުކާރަށް) ދައްކަންޖެހޭ އިރު، އަނެއްބަޔަކީ ރަށު ރައްޔިތުންނަށް ވީ ބައެވެ.
މި ލިޔުމުގައި ކިޔައިދޭން މި އުޅެނީ ވަވަތި ފަޅުވާން މެދުވެރިވި ބިރުވެރި ހާދިސާގެ ވާހަކައެވެ. މި ވާހަކައަކީ 1991 ވަނަ އަހަރު މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ހުސެއިންކޮއިބެ، އިސްޕޭނުގެ ޝަވިއޭރ ރޮމޭރޯ-ފްރިއާސްއަށް ކިޔައިދީގެން، އޭނާ އިނގިރޭސި ބަހުން ”ދަ މޯލްޑިވް އައިލެންޑަރސް“ ގައި ޝާއިޢުކުރައްވާފައިވާ ވާހަކައެކެވެ. އަޅުގަނޑުގެ އަމިއްލަ އިބާރާތުން ދިވެހި ބަހަށް ތަރުޖަމާކޮށް ސައުވީސް ނޫހުގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދެނީއެވެ.

އެއް ފަހަރަކު، ރަށުގެ ރުއްތަކުން ލިބުނު ކާށިން ބަންޑާރައަށް ދައްކަންޖެހޭ ވަރުވާ ހިފައިގެން، ވަވަތީ އިބްރާހީމްކޮއި، އޭނާގެ ދޯނީގައި މާލެ ދާން ފުރިއެވެ. މި ދަތުރުގައި އޭނާއާއެކު އޭނާގެ ދޮށީ ފިރިހެން ދަރިފުޅުވެސް ގެންދިޔައެވެ. ދަތުރުމަތީގައި، އިރުއޮއްސި އަނދިރިވީ ފަހުން، މި ދޯނި އަތޮޅުން ނުކުމެ ދެކުނަށް ދަތުރުކުރަމުން ދަނިކޮށް، އިބްރާހީމްކޮޔަށް ކުރިމަތިން އޭނާގެ އަތޮޅާ ދިމާއަށް ދަތުރުކުރަމުންދާ ކަޅު އަނދިރި އޮޑިއެއްގެ ސޫރަ ފެނުނެވެ.
މި އޮޑިއެއް ފެނުމުން އިބްރާހީމްކޮއި އޭނާގެ ދޯނި، އެ އަނދިރި ގޮތްނޭނގޭ އޮޑިއާ ދިމާއަށް ދަތުރުކޮށް، އެއާ ކައިރިކުރިއެވެ. އިރުއޮއްސި އަނދިރިވެފައިވާތީ އެމީހުންނަށް އެ އޮޑީގައި ހުރި މީހެއްގެ ސިފަ ވަކިކުރަން ނޭނގުނަސް މީހެއްކަން އެނގޭ ފަދަ ސޫރައެއް ފެނުނެވެ. އެއާއެކު އިބްރާހީމްކޮއި އެ މީހާއަށް ތަންކޮޅެއް ބާރަށް ގޮވާލައި ސުވާލުކުރިރިއެވެ: ”ބައްލަވާ ތިއީ ކޮން ތާކަށް ދަތުރުކުރާ އޮޑިއެއްތޯ؟“
އެ އަނދިރި އޮޑިން ޖަވާބު އައީ ނުހަނު ބިރުވެރި ނާމާން އަޑަކުންނެވެ: ”މިއީ ބަންޑާރަ އޮޑި! އަހަރެމެން މިދަނީ ވަވަތީގައި ހުރި ރުއްތަކުގައި ބަންޑާރަ ތައްކަށިޖަހަން!“
އެވަގުތު އިބްރާހީމްކޮޔަށް ނުތަނަވަސްކަމާއި ސުންޕާ ބިރުވެރިކަމެއްގެ އިހުސާސް ކުރެވުނެވެ. އަދި އޭނާ އެ ގޮތް ނޭނގޭ ނާމާން އަޑުގެ ވެރިފަރާތާ މުޚާޠަބުކޮށް ބުންޏެވެ: ”އަޅުގަނޑަކީ ވަވަތީ އިބްރާހީމްކޮއި. އަޅުގަނޑުގެ ރުއްތަކުގައި ތައްކަށި ނުޖައްސެއްވުން އެދެން!“
އެމީހުންނަށް އެ އޮޑިން އައި ޖަވާބު އަޑުއިވުނީ ވަރަށް ދުރުން އަޑުއަންނަ ފަދަ ގޮތަކަށެވެ. އެކަމަކު ކީ އެއްޗެއް ސާފުކޮށް އިވުނެވެ. އެއޮޑީން ބުންޏެވެ: ”އާނ! ހަމައެކަނި ކަލޭގެ ރުއްތައް ސަލާމަތްވާނީ!“ އޭގެ ފަހުން އެ އަނދިރި، ނާމާން އޮޑި، އެމީހުންގެ ދޯންޏާ ދުރަށް އަތޮޅާ ދިމާއަށް ދަތުރުކުރަން ފެށިއެވެ. އަދި މާކަ ގިނަ އިރެއް ނުވެ ކަނުއަނދިރީގެ ތެރެއަށް ގޮސް އެ އޮޑި އޮބާލިއެވެ. އެހިނދު އިބްރާހީމްކޮއިގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބި ތަސައްލީއެއް ލިބުނެވެ. ނަމަވެސް އޭނާގެ ހިތުގައި އެ އޮޑިއާއި އެއިން ވާހަކަދެއްކި ބިރުވެރި އަޑުގެ ވެރި ފަރާތާ ގުޅޭގޮތުން އެތައް ވަހުމުތަކަކާއި ނުތަނަވަސް އިހުސާސްތަކެއް އުފެދެމުންދިޔައެވެ.
އިބްރާހީމްކޮއިގެ ދޯނި މާލެއަށް ދަތުރުކޮށްފައި ގޮސް މާލޭ ފަޅަށް ވަދެވުމާއެކު، އޭނާ އަވަސްވެގަތީ ބޮޑުބަނޑޭރިގެއަށް ގޮސް ވަރުވާގެ ކަންތައް ނިންމާލާފައި މާލެއިން ކޮންމެހެން ކުރަންޖެހިފައިވާ ކުޑަ ވިޔަފާރިއެއްގެ ކަންތައް ނިންމާލާށެވެ. އެހެނީ އޭނާ ބޭނުންވީ އިތުރަށް ލަސްނުކޮށް ރަށަށް އެނބުރި ދިއުމަށެވެ. މާލެއަށް އައިއިރު ދިމާވި އޮޑީގެ ކަންތަކާ އޭނާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އަދި އޭނާ ހުރީ ވީހާވެސް އަވަހަކަށް ވަވައްޗަށް ދާން ކެތްމަދުވެފައެވެ. އޭނާގެ ހިތަށް، ނުބައެއް ވާންއުޅޭކަމުގެ އިހުސާސްތައް ވަންނަވަރުންނެވެ. އޭނާގެ ގޭގައި އެއްވެސް ފިރިހެނަކު ނެތެވެ. ތިބީ ހަމައެކަނި އަންހެނުންނާއި ހަތަރު އަންހެން ދަރިންނެވެ.
އިބްރާހިމްކޮއިމެންނަށް ވަވައްޗަށް ދެވުނީ މާލެއިން ފުރިތާ ތިންވަނައަށް ވީ ދުވަހުގެ އަސުރުވާން އުޅެނިކޮށެވެ. އެމީހުންނަށް މަރުހަބާ ކިޔަން ގޮނޑުދޮށަށް އެއްވެސް ބަޔަކު އައިސްފައި ނުވާތީ އިބްރާހީމްކޮޔާއި އޭނާގެ ދަރިފުޅު ވަރަށް ބޮޑަށް އަޖައިބުވިއެވެ. އާންމުކޮށް މިގޮތަށް އަންނައިރު ގޮނޑުދޮށުގައި ގަސްގަހުގެ ހިޔަލުގައި ހޮޅުއަށިތަކުގައި ރަށުގައި ތިބޭ އުމުރުން ދުވަސްވީ މީހުން ތިބޭނެއެވެ. ނަމަވެސް އެ ދުވަހު އެއިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އަދި އެހެންޏާ ދޯނިދޮށަށް އުފަލުން ހަޅޭލަމުން ފަތާފައި އަންނަ އަންހެން ފިރިހެން ކުޑަކުދިންނެއް ވެސް އެ ދުވަހަކު ނުފެނެއެވެ.
އެކަމާ އަޖައިބުވެ ތިބެ، ނަގިލި ވައްޓާލުމަށްފަހު އެމީހުން ހަރުކޮށް ގޮސް އެއްގަމަށް އެރިއެވެ. ރަށަށް ވަނީ ނާމާން ހިމޭންކަމެއް ވެރިވެފައެވެ. އެއްވެސް ކުއްޖަކު އެމީހުންނަށް މަރުހަބާ ކިޔާކަށް ނާދެއެވެ. ގޮނޑުދޮށުން އެއްގަމަށް އަރައިގެން އަވަށުތެރެއަށް ދެވުނު އިރު ވެސް ގޭގޭ ދޮށުން އެއްވެސް މީހަކު ނުފެނުނެވެ. އަދި ބަދިގެތަކުން ދުމެއްވެސް ނުފެނެއެވެ. އިބްރާހީމްކޮއި އެގޭގޭގެ މީސްމީހުންގެ ނަންނަމުން ގޮވީމާ ވެސް އެއްވެސް ޖަވާބެއް ނުލިބެއެވެ. ދެން އެދެބަފައިން އަވަށުން އެންމެ ފުރަތަމަ ޖެހުނު ގެއަށް ވަނެވެ.
އެވަގުތު ވަރުގަދަ ނުބައި ވަހެއް ދެބަފައިންގެ ނޯށުގައި ޖެހުނެވެ. އެގޭގެ ހުޅުވާފައި ހުރި ދޮރުން އެތެރެ ބަލާލިއިރު އެމީހުންނަށް ފެނުނީ ނުހަނު ބިރުވެރި މަންޒަރެކެވެ. ކުޑަކުޑަ އެ ގޭގައި އުޅޭ އެންމެން ތިބީ ބިންމަތީގައި މަރުވެފައެވެ. އެއިން އެކެއްގެ ވެސް ލޮލެއް ނެތެވެ. ދެބަފައިން މި ބިރުވެރި މަންޒަރު ފެނި ސިހިގެން އަވަސްއަވަހަށް އެގެއިން ނިކުތެވެ. އަވަށުގެ ފެންނަން ހުރި ހުރިހާ ގެއެއްގެ ދޮރުތައް ހުރީ ހުޅުވާފައެވެ. އެމީހުން އެއް ގެއިން އަނެއް ގެއަށް ވަދެ ބެލިއިރު ފެނުނީ ހަމަ އެއްކަހަލަ މަންޒަރުތަކެކެވެ. ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން އެކި ގޮތްގޮތަށް ވެއްޓިފައި ތިއްބެވެ. އެންމެން ވެސް ތިބީ މަރުވެފައެވެ. އަދި އެ އެންމެންގެ ވެސް ލޯތައް ވަނީ ކޮނެލާފައެވެ. ނުވަތަ ’ބޯލާފައެވެ.‘ އަދި ދުވަމުން ދިޔަ ނުބައި ވަސް ދިޔައީ ބަރުދާސްތު ނުކުރެވޭ ވަރަށް ގަދަވަމުންނެވެ. އަވަށުތެރެއިން އިވެނީ ހަމައެކަނި މެހިބުރާ އަޑެވެ. އިތުރު އެއްވެސް އަޑެއް ނީވެއެވެ.
ބިރުން ހިތްތެޅިތެޅި ތިބި ޙާލު އިބްރާހީމްކޮއިގެ ދެބަފައިން އަވަށުގެ އެންމެ ކޮޅުގައި ހުރި އެމީހުންގެ އަމިއްލަ ގެއާ ދިމާއަށް ދިޔައެވެ. ހިތުގައި ވަނީ ނޭދެވޭ މަންޒަރެއް ފެނިދާނެކަމުގެ ބިރުވެރިކަމެވެ. އެހެންނަމަވެސް، އެހެން ގޭގެއާ ޚިލާފަށް، އެމީހުންގެ ގޭގެ ދޮރު ހުރީ ލައްޕާފައެވެ. އިބްރާހީމްކޮއި ދޮރުގައި ޓަކިޖަހައި، އަނބިމީހާއަށާއި ދަރިންނަށް ގޮވާލުމާއެކު، ކުޑައިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވައިފިއެވެ. އެހިނދު އިބްރާހިމްކޮޔަށް ފެނުނީ ބިރުން ސިހިފައިވާ އޭނާގެ އެންމެ ދޮށީ އަންހެން ދަރިފުޅުގެ މޫނެވެ. ގެއަށް ވަދެވުމާއެކު، އަނބިމީހާއާއި ހަތަރު އަންހެން ދަރިން ސަލާމަތުން ތިބިތަން ފެނި، އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
ލޮލުން ކަރުނަ އޮހޮރުވަމުން، އޭނާގެ އަނބިމީހާއާއި ހަތަރު އަންހެން ދަރިން ހާމަކުރީ އެމީހުންނަށް ސީދާ ކަންހިނގާދިޔަ ގޮތުގެ ތަފްސީލެއް ނޭނގޭ ކަމަށެވެ. ނަމަވެސް، އިބްރާހީމްކޮއި މާލެ ދިޔަ ރޭ، އެމީހުންނަށް މީހުން ރޮއި ހަޅޭލަވާ އަޑުފަށްގަނޑު އިވުނުކަމަށެވެ. އެމީހުން އެކަމާ ގަތްބިރުން ގެއިން ބޭރަށް ނުކުންނާކަށް ވެސް ނުކެރި ދޮރުތަޅުލައިގެން ތިބީ ކަމަށެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު، އެމީހުން ބޭރަށް ނުކުތްއިރު ފެނުނީ ހިތްފަޅައިގެންދާފަދަ ނާމާން އަދި ބިރުވެރި މަންޒަރެކެވެ. ރަށުގެ އެންމެހައި ރައްޔިތުން، އޭގެ ތެރޭގައި މުސްކުޅިންނާއި ކުޑަކުދިންވެސް ހިމެނޭގޮތަށް، މަރުވެފައި ތިބި ތަނެވެ. ފުރޭތައެއް އަރައި އެންމެން މަރާލާފައި އެންމެންގެ ލޯތައް ބޯލާފައިވާ މަންޒަރެވެ. މި ހިތްދަތި މަންޒަރުން ލިބުނު ނުތަނަވަސްކަމާއެކު، އެމީހުން އަވަސްވެގަތީ ގެއަށް އެނބުރި ގޮސް ދޮރުތައް ތަޅުލައި، އިބްރާހީމްކޮއިމެން އަންނަންދެން ގޭތެރޭގައި ތިބުމަށެވެ. އެމީހުން ހޭދަކުރި ދުވަސްތަކުގެ ވޭނާއި ތަކުލީފު، އެމީހުންގެ ހަށިގަނޑުންނާއި މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ.
މި ހިތާމަވެރި ހާދިސާއަށްފަހު، ދިރިތިބި އާއިލާގެ މެންބަރުންގެ ތެރެއިން އެކަކުވެސް ވަވަތީގައި އިތުރަށް ދިރިއުޅެން ބޭނުމެއް ނުވިއެވެ. އެމީހުން އެރަށުގައި އިތުރު އެންމެ ރެއެއްވެސް ހޭދަކުރަން ޖެހިލުންވިއެވެ. ބިރުވެރިކަމާއި ކަންބޮޑުވުމުގެ ތެރޭގައި، އެމީހުން އަވަސްއަވަހަށް އަގުހުރި ތަކެތި އެއްކޮށް، ދޯންޏަށް ކާއްޓާއި ކާބޯތަކެއްޗާއެކީ އަރުވައިގެން އެރަށުން ފުރިއެވެ. އަދި އެދުވަހުގެ އިރުއޮއްސުމުގެ ކުރިން، އެމީހުން އެއަތޮޅުގެ އެހެން ރަށަކަށް ގޮސް ވަޒަންވެރިވިއެވެ. މިއީ ވަވަތި ފަޅުވި ހާދިސާކަމަށް ބުނެވޭ ހިތާމަވެރި ހާދިސާއެވެ. މި ބިރުވެރި ހާދިސާ ހިނގިތާ އެތައް އަހަރެއް ފަހުންވެސް، އިބްރާހީމްކޮއިގެ ޢާއިލާގެ އެއްވެސް މީހަކު އަލުން ވަވައްޗަށް ދާން ބޭނުމެއް ނުވިއެވެ.
ޝަވިއޭރ ރޮމޭރޯ-ފްރިއާސް އިނގިރޭސި ބަހުން ލިޔުއްވާފައިވާ މި ވާހަކައަކީ ނިސްބަތުން ވަރަށް ފަހުން ހިނގާފައިވާ ހާދިސާއެއްގެ ވާހަކަ ކަމުގައިވީ ނަމަވެސް، މީގައި އޮޅުންއަރާފަދަ އަދި ސިއްރުވެރި ކަންތައްތަކެއް އެކުލެވިގެންވާކަމަށް އޭނާ ބަޔާންކުރައްވާފައިވެއެވެ. އަދި މިއީ ބަލިމަޑުކަމެއްގެ ސަބަބުން ރަށެއްް ފަޅުވި ވާހަކައެއްކަން ޔަޤީންކަމާއެކު ދެނެގަނެވޭކަށް ނެތް ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. އެއީ މީހުން މަރުވެފައިވަނީ ގާތްގަނޑަކަށް އެއްފަހަރާ ކަހަލަ ގޮތަކަށް ކަމަށްވާތީއެވެ. މީގެ އިތުރުން، ވާހަކައިގައި ބަޔާންކުރާ އުޅަނދުގެ ރަމްޒީ މާނަ ސާފުކޮށް ދޭހަނުވާ ކަމަށް ވެސް ރޮމޭރޯ-ފްރިއާސް ލިޔުއްވާފައިވެއެވެ.
ރޮމޭރޯ-ފްރިއާސް އަށް މި ވާހަކަ ކިޔައިދިން ހޮޅުދޫ ހުސެންކޮައިބެ ބުނެފައިވަނީ އަނދިރި އުޅަނދު ތަމްސީލުކުރަނީ ކަނޑުން އަރައިގެން އަންނަ ފުރޭތައެއް ކަމަށާއި، މި ފުރޭތައަކީ ބައެއް ފަހަރު ކަނޑުން އޮޔާދާ ގަސްބުޑެއްގެ ސިފަ ވެސް ޖެހޭ އެއްޗެއް ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ އުތުރުގެ ބޮޑެތި އަތޮޅުތަކުގެ ތެރޭގައި ހިމެނޭ މިލަދުންމަޑުލާއި މާޅޮސްމަޑުލުގައި ކިޔާ ބޯދާ ވާހަކަތަކުގައި އުޅޭ ”ބޭރީ“ ގެ ނަމުން މަޝްހޫރުވެފައިވާ ފުރޭތައެއް ކަމަށެވެ.
ދިވެހީންގެ އާންމު އިޢުތިޤާދުގައި އޮންނަ ގޮތުން، އަމިއްލަ ނަން ފުރޭތަ ފަދަ ޖިންނި ޝައިޠާނުންނަށް ހާމަކޮށްގެން ނުވާނެއެވެ. އެހެން ހަދައިފިނަމަ، އެ މީހަކަށް އެފަދަ އެއްޗެއްގެ އުނދަގޫ ނުވަތަ އެފަދަ އެއްޗެއްގެ ފަރާތުން ބަލިމަޑުކަމެއް ޖެހިދާނެއެވެ. ނުވަތަ އެފަދަ އެއްޗެއް އެމީހަކު މަރާލުން ވެސް އެކަށީގެންވެއެވެ. ނަމަވެސް، މި ވާހަކައިގައި ކަން ހިނގާފައިވަނީ އެއާ މުޅީން އިދިކޮޅަށެވެ. ވަވަތީގެ އެހެން އެންމެން މަރާލިއިރު، ފުރޭތަ ގާތު އަމިއްލަ ނަން ބުނި މީހާއާއި، އޭނާގެ އަނބިދަރިން މަރައެއްނުލައެވެ.
ވަވަތީގައި މަރުވެފައި ތިބި މީހުންގެ ލޯ ނެތް މައްސަލައާ ގުޅޭގޮތުން ރޮމޭރޯ-ފްރިއާސް ލިޔުއްވަނީ، އެއީ ދިވެހީންގެ ފޯކްލޯރު ވާހަކަތަކުގައި ވަރަށް އާންމުކޮށް ފެންނަ ކަމެއް ކަމަށެވެ. އަދި ހަޤީޤީ ހާދިސާތައް ކިޔައިދޭއިރު ވެސް މަރުވެފައި ތިބޭ މީހުންގެ ލޯ ނުހުންނަ ވާހަކަ ބަޔާންކުރާ ކަމަށާއި، ދިވެހީން މިކަން ގުޅުވަނީ ފުރޭތައަކާ ކަމަށެވެ. ނަމަވެސް މިއީ މީހާ މަރުވުމަށްފަހު ކާޅުތައް އައިސް ލޯ ކައިލުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ކޮންމެއަކަސް މި ވާހަކައިގައި ބަޔާންކުރެވިފައިވާ ހާދިސާއަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ދިމާވެފައިވާ ގޮތްނޭނގޭ ހާދިސާތަކުގެ ތެރެއިން ހާދިސާއެކެވެ.
ވަވައްޗަކީ މިލަދުންމަޑުލު ދެކުނުބުރީގައި، ހޮޅުދުއާއި ފޮއްދޫގެ އުތުރުން ގާތްގަނޑަކަށް 5 ކިލޯމީޓަރުގެ ދުރުމިނެއްގައި އޮންނަ ކުޑަ ރަށެކެވެ. އަދި މިހާރު އެއީ ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ. ކުރީގައި މީހުން ދިރިއުޅުނު އިރުވެސް، އެރަށަކީ ފަސްގަނޑު މޮޅު، ރުއްގަސް ރަނގަޅަށް ހެދޭ ރަށެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ރަށެކެވެ.




