ސެޕްޓެމްބަރު 19 ވީ ބުރާސްފަތި ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އައު ސަފުހާއެއް ހުޅުވުނު ދުވަހެކެވެ. އެއީ ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރެވުނު ދުވަހެވެ. މި އައު ޚިދުމަތް ފެށިގެން ދިޔައީ އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައެވެ. އާދެ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ދޮރާށީގައެވެ. މިއީ ދިވެހިރާއްޖޭގެ ޒަމާނީ ތާރީޚުގައި މި ބާވަތުގެ ޚިދުމަތެއް ތަޢާރަފުކުރެވުނު ފުރަތަމަ ފަހަރެވެ.
ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ މެދުތެރޭގައި، ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރުގެ މުހިންމު މަގެއްގެ މަތީގައި ހިމެނޭ ޖަޒީރާ ޤައުމެކެވެ. މި އިސްތިރާޖީ މަޤާމުގެ ސަބަބުން، ދިވެހިރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ޤާއިމުކުރުމަކީ ވަރަށް ކުރީއްސުރެ ދިވެހިން ކުރަމުން އައި އުންމީދެކެވެ. ޚާއްޞަކޮށް، އިހަވަންދިއްޕޮޅުގެ އުތުރުން އޮތް އަށް ޑިގްރީ ކަނޑަކީ ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ގިނަ އުޅަނދުތައް އެންމެ ގިނައިން ބޭނުންކުރާ މަގަށްވުމާއެކު، އިހަވަންދިއްޕޮޅުގައި މިފަދަ ޚިދުމަތެއް ޤާއިމުކުރުމަކީ ވޭތުވެދިޔަ ސަރުކާރުތަކުން ވެސް ކުރަން ގަސްތުކޮށް، ނަމަވެސް ތަންފީޒު ނުކުރެވި އޮތް މުހިންމު މަޝްރޫޢެކެވެ.
މި ހުވަފެން ޙަޤީޤަތަކަށް ވެގެން މިދިޔައީ މިއަދުގެ ސަރުކާރުގެ، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންތެރި ސިޔާސަތުތަކާއި ޙިކްމަތުޢަމަލީގެ ސަބަބުންނެވެ. އަދި މި އުންމީދު ޙަޤީޤަތަކަށް ވެގެން ދިޔައީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންނި ކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ.
ވިޓޯލްއަކީ އޮސްޓްރޭލިޔާ، ޗައިނާ، ސިންގަޕޫރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އެމެރިކާ އަދި ޔޫރަޕްގައި ވެސް ބަންކަރިންގ ޚިދުމަތް ދިނުމުގައި ފާހަގަކޮށްލެވޭ ތަޖުރިބާ ލިބިފައިވާ ބައިނަލްއަޤްވާމީ ކުންފުންޏެކެވެ. މި ކުންފުނީގެ ފަންނީ ތަޖުރިބާއާއި ޒަމާނީ ޓެކްނޮލޮޖީ ދިވެހިރާއްޖެއަށް ގެނައުމަކީ ޤައުމުގެ އިޤްތިޞާދަށް ލިބިގެންދާނެ ފާހަގަކޮށްލެވޭ ކުރިއެރުމަކާއި، ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ މަޤާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.
އޮފްޝޯ ބަންކަރިންގ ޚިދުމަތް ދިވެހިރާއްޖޭގައި ތަޢާރަފްކުރުމުން ޤައުމަށް ލިބިގެންދާނެ މަންފާތައް ގިނަގުނައެވެ. މި ޚިދުމަތުގެ ސަބަބުން ދިވެހިރާއްޖޭގެ ބަނދަރުތަކަށް އިތުރު އާމްދަނީ ލިބި، އަދި ވަޒީފާގެ އައު ދޮރުތަކެއް ހުޅުވިގެންދާނެއެވެ. މީގެއިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ ބޮޑެތި އާގުބޯޓުފަހަރާއި އެހެނިހެން އުޅަނދުފަހަރަށް ފަސޭހަކަމާއެކު ތެޔޮ ލިބުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
ޖުމްލަ ގޮތެއްގައި، ދިވެހިރާއްޖޭގައި އޮފްޝޯ ބަންކަރިންގ ޚިދުމަތް ތަޢާރަފްކުރުމަކީ ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ. އެހެންނަމަވެސް، މި ޚިދުމަތް ފޯރުކޮށްދިނުމުގައި ތިމާވެށި ޙިމާޔަތްކުރުމަށް ޚާއްޞަ އަހުމިއްޔަތުކަމެއް ދިނުމަކީ ލާޒިމު ކަމެކެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މެދުގައި ވިލަރެސްކުރެވިފައިވާ މަސައްކަތްތަކެއް ކުރުމަކީ މި ޚިދުމަތް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
އިހަވަންދިއްޕޮޅު ސަރަހައްދުގައި އޮފްޝޯ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދެވެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެންނެވެ. މި ޚިދުމަތުގެ ދަށުން ބޯޓުފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ.
އެސްޓީއޯ އާއި ވިޓޯލް ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ބަންކަރިންގ ޚިދުމަތް ދިނުމަށްޓަކައި ދެ ބޯޓެއް ވަނީ ހޯދާފައެވެ. އެއީ 3،258 ޓަނުގެ ޖާގައިގެ އެމްޓީ މެރިން އޭންޖަލް އަދި 3،929 ޓަނުގެ ޖާގައިގެ އެމްޓީ މެރިން ބެލާއެވެ. މި ދެ ބޯޓަކީވެސް ބައިނަލްއަޤްވާމީ ސަލާމަތީ މިންގަނޑުތަކަށް ފެތޭގޮތަށް ފަރުމާކޮށް ބަނދެފައިވާ ބޯޓުތަކެއްކަން އެސްޓީއޯ އިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި ދެ ބޯޓު ވެސް ވަނީ ބެއަރ ބޯޓް ޗާޓަރ އުސޫލުން، ދެ އަހަރު ދުވަހުގެ ތެރޭގައި އެސްޓީއޯގެ މިލްކިއްޔާތަށް ފުރިހަމައަށް ބަދަލުވާ ގޮތަށް ހަމަޖައްސާފައެވެ. މި މުޢާމަލާތުގެ ދަށުން، އެސްޓީއޯ އަށް ވަނީ މި ދެ އުޅަނދާ ގުޅޭ އެންމެހައި ޙައްޤުތަކާއި ބާރުތައް ލިބިދީފައެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި، މި ޚިދުމަތުގެ ދަށުން ޑީސަލާއި ލޯ ސަލްފަރ ފިއުލް ފޯރުކޮށްދެވޭނެއެވެ. ޑީސަލް ފޯރުކޮށްދެވޭނީ ޔޮޓުތަކާއި ލަގްޒަރީ އުޅަނދުފަހަރަށް ކަމަށާއި، ކާގޯ އުޅަނދުފަހަރާއި އެހެނިހެން ކޮންޓެއިނަރު އުޅަނދުފަހަރަށް ލޯ ސަލްފާ ފިއުލް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަންކަރިންގ ޚިދުމަތުގެ އިތުރުން، ފަޅުވެރިން ބަދަލުކުރުމާއި، ކާބޯތަކެއްޗާއި އުޅަނދުފަހަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، ސްޕެއަރ ޕާޓްސް އަދި މަރާމާތުގެ ޚިދުމަތް، އަދި ސާފު ބޯފެން ފޯރުކޮށްދިނުން ފަދަ އިތުރު ޚިދުމަތްތަކެއްވެސް ރާއްޖެއިން ފޯރުކޮށްދޭނެވެ. މީގެ އިތުރުން، އެމްޕީއެލްއިން އަންނަނީ ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުން 14 ޚިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ. މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައު ކުރިއެރުންތަކެއް ގެނެސްދޭނެ ކަންތައްތަކެއް ކަން ޔަގީނެވެ.
ކުރިން ފާހަގަކުރި ފަދައިން ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ މެދުގައި ވަރަށް މުހިންމު އިސްތިރާޖީ މަޤާމެއްގައި އޮންނަ ޤައުމެކެވެ. ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ އެންމެ ބޮޑެތި މަގުތަކުގެ ތެރެއިން އެއް މަގަކީ ދިވެހިރާއްޖެ ހުރަސްކޮށް ދާ މަގެކެވެ. މިހާރުވެސް މަހަކު 300 އަށްވުރެ ގިނަ އުޅަނދު މި މަގުން ދަތުރުކުރަމުންދާއިރު، މި ފުރުޞަތުގެ އެންމެ އެދެވޭ ބޭނުން ހިފުމަށްޓަކައި ބަންކަރިންގެ ޚިދުމަތް ތަޢާރަފްކުރުމަކީ ޤައުމަށް ލިބޭނެ އެންމެ މުހިންމު އިޤްތިޞާދީ ފުރުޞަތުތަކުގެ ތެރެއިން އެއް ފުރުޞަތު ކަމުގައި ފާހަގަކުރެވެއެވެ.
އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން އެންމެ ޕަސެންޓަކަށް ވެސް ޚިދުމަތް ފޯރުކޮށްދީގެން ރަނގަޅު އާމްދަނީއެއް ހޯދޭނެކަމަށް ސަރުކާރުން ދެކެއެވެ. މި ގޮތުން، ގާތްގަނޑަކަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ. މިއީ މަދު ކަންތައްތަކަކަށް ބަރޯސާވެފައި އޮތް ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއެރުވުމަށް ލިބިގެންދާނެ އައު ވަސީލަތެކެވެ.
އެހެންނަމަވެސް، މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ދުރު ރާސްތާގެ ވިސްނުމެއް ގެންގުޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މި ގޮތުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ފާހަގަކުރެއްވި ފަދައިން، އޮފްޝޯ ޚިދުމަތްތަކަކީ ދާއިމީ ހައްލެއް ނޫނެވެ. އެ ސަރަހައްދުން ބިން ހިއްކައި، ޒަމާނީ ފިއުލް ފާމްތަކެއް ޤާއިމުކުރުމަކީ މި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.
ބަންކަރިންގ ޚިދުމަތް ތަޢާރަފުކުރުމުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭނެ މަންފާތައް ގިނަގުނައެވެ. މި ޚިދުމަތުގެ ސަބަބުން ޤައުމަށް ލިބޭ އާމްދަނީ އިތުރުވުމާއެކު، މި ދާއިރާއާ ގުޅުންހުރި ވަޒީފާގެ ފުރުޞަތުތައް ފުޅާވެގެންދާނެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ހަރުދަނާވެ، ކަނޑު ދަތުރުފަތުރުގެ ދާއިރާގައި ރާއްޖޭގެ ދައުރު ފުޅާވެގެންދިއުމަކީވެސް މި ޚިދުމަތުގެ ސަބަބުން ޙާޞިލުވެގެންދާނެ މުހިންމު ނަތީޖާއެކެވެ.




