އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މިޝަނެއް އަންނަމަހު، ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، ރާއްޖެއަށް އަންނަނީ، އައިއެމްއެފްގެ ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްއާ ގުޅޭ މިޝަނެއްކަމަށާއި، އެ މިޝަންގެ ބައިވެރިން ރާއްޖޭގެ ދައުލަތުގެ ހިއްސާވާ ކުންފުނިތަކާ ގުޅޭ އާ ޤާނޫނެއް ފަރުމާކުރުމަށްޓަކައި، ކުންފުނިތަކުގެ ގަވަރނަންސް އާއި ޒިންމާދާރުކުރުމުގެ ނިޒާމާއި އެހެނިހެން ކަންތައްތައް ބައްލަވާނެކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ މިޝަނުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 8ވަނަ ދުވަހު ކަމަށެވެ. އަދި 16 ވަނަ ދުވަހާ ހަމައަށް މިޝަންގެ ބޭފުޅުން ރާއްޖޭގައި ތިއްބަވާނެ ކަމަށެވެ. މިއަހަރުގެ ފެބްރުއަރީ މަހުވެސް ރާއްޖެއަށް އައިއެމްއެފްގެ މިޝަންއެއް އައިސްފައި ވެއެވެ.
ރާއްޖޭގެ މާލީ ހާލަތު ހަރުދަނާކުރުމަށާއި، މާލީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަލައި އައިއެމްއެފްއިން އަބަދުވެސް އިރުޝާދު ދެމުންދެއެވެ.



