ތަފާތު އެކި ބޭނުންތަކަށް މަގު ކޮނުމުގައި ދިމާވާ މައްސަލަތައް މަދުކުރުމަށްޓަކައި ސަލާމަތީ އުސޫލުތަކެއްް ފެނަކައިން ގާއިމުކޮށްފި އެވެ.
އެކުންފުނިން މިފަދަ އުސޫލުތަކެއް ގާއިމުކޮށްފައިވަނީ، އެކި އެކި މަސައްކަތްތައް ކުރުމުގައި މަގުތައް ނުވަތަ އާންމު ސަރަހައްދުތައް ކޮނުމުގެ ތެރޭގައި ވަޅުލާފައިވާ ނެޓްވޯކްތަކަށާއި ހޮޅިތަކަށް ގެއްލުންލިބި ޒަރޫރީ ޚިދުމަތްތަކަށް ބުރޫއަރަމުންދާތީ އެވެ.
ފެނަކައިން ބުނީ، ކުރިން އެނގުމަކާ ނުލައި ރައްޔިތުންނަށް ލިބިލިބި ހުރި ޚިދުމަތެއް ކުއްލިޔަކަށް ހުއްޓުމަކީ ރައްޔިތުން ތަހައްމަލުކުރަންޖެހޭ ތަކލީފުތައް އިތުރަށް ބޮޑުވެ ނުތަނަވަސްކަން އިތުރުވާކަމެއްކަމަށާއި، އެކުންފުނީގެ ބައިވެރިވުމެއް ނެތި މިގޮތަށް ހިނގާ ހާދިސާތަކުގައި، މައްސަލައެއް ދިމާވިކަން އިނގެނީ ޚިދުމަތް ހުއްޓި ރައްޔިތުންގެ ޝަކުވާ ލިބޭ ހިސާބުންކަމަށެވެ.
”މި ކުންފުނީގެ ބައިވެރިވުމެއް ނެތި ދިމާވާ މިފަދަ ހާދިސާތަކުގައި މައްސަލަ ދިމާވި ސީދާ ތަނެއް ނުވަތަ ހިސާބެއް ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތް ދިގުލައިގެން ދިއުމުން ޚިދުމަތް މެދުކެނޑިފައި އެތައް ވަގުތެއް އެބަ ހޭދަވޭ. މިއީ، ރައްޔިތުންނަށްވެސް ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން މިކުންފުންޏަށްވެސް ލިބޭ ފޫ ނުބެއްދޭވަރުގެ ގެއްލުމެއް.“ ފެނަކައިން ބުނެފައި ވެއެވެ.
ފެނަކައިން ބުނެފައިވަނީ، އެކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ކަމުގައިވާ ކަރަންޓާއި ފެން އަދި ނަރުދަމާގެ ނެޓްވޯކް ރަށުގެ ހުރިހައި ހިސާބަކަށްވެސް ފޯރުކޮށްދެނީ ބިމުގައި ވަޅުލާފައިވާ ކޭބަލް ހޮޅި ނުވަތަ މިފަދަ ނެޓްވޯކްތަކެއްގެ ޒަރިއްޔާއިންކަމަށެވ.
”ރާއްޖޭގެ ގުދުރަތީ ހާލަތައް ރިއާޔަތްކޮށް މިފަދަ ނެޓްވޯކްތައް ގާއިމުކޮށްފައިވަނީ ނިސްބަތުން ބިމުގެ ތިލަ ހިސާބުގައި.“ ފެނަކައިން ބުނެފައި ވެއެވެ.
ފެނަކައިން ބުނީ، ކަންމިހެން އޮތުމުން މަގު ކޮނުމާއި ތޮރުފުން ފަދަ މަސައްކަތެއްގެ ތެރެއިންވެސް، މިފަދަ ކޭބަލަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތުމުން މިފަދަ ކަންކަން ދިމާވުން މަދުކުރުމަށްޓަކައި އެކުންފުނިން ސަލާމަތީ އުސޫލުތަކެއް ގާއިމުކޮށްފައިވާކަމަށެވެ. އެގޮތުން، ސަރުކާރު ކުންފުންޏެއް ކޮންޓްރެކްޓް ކުރެވިގެން މަސައްކަތް ކުރާ ފަރާތެއް ނުވަތަ އާންމު ފަރުދަކުވިޔަސް އެއްވެސް ބޭނުމަކަށް މަގު ކޮނުން، ތޮރުފުން ނުވަތަ މިފަދަ އެއްވެސް ކަމެއް ކުރަންވާނީ އެރަށެއްގައި ގާއިމުކޮށްފައިވާ ފެނަކަ އޮފީހުގެ ފަންނީ މުވައްޒަފެއްގެ ހާޒިރުގައިކަމަށް ބުނެފައި ވެއެވެ.
މަގުތަކާއި އާންމު ސަރަހައްދަުތަކަކީ، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ތަންތަންކަމަށް ވުމުން، މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް، މިފަދަ މަސައްކަތެއް ހިންގަންވާނީ، ސީދާ ކައުންސިލްގެ ބެލުމުގެ ދަށުންކަމުގައި އެކުންފުނިން ގަބޫލުކުރާ ހިނދު، ކައުންސިލްތަކުގެ އެއްބާރުލުން މިކަމުގައި ނުހަނު މުހިންމުކަން ފެނަކައިން ފާހަގަކޮށްފައި ވެއެވެ.
ފެނަަކައިން ބުނީ އަސާސީ ޚިދުމަތްތަކަކީ، އެޚިދުމަތްތައް މެދުކެނޑި ހިގާނެ ކޮންމެ މިނެޓަކުވެސް ރައްޔިތުންގެ އާންމު ދިރިއުޅުމަށް އޭގެ ސިދާ ގެއްލުން ލިބޭ ކަންކަންކަމުން، އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް، އަޅަންޖެހޭ ހުރިހައި ފިޔަވަޅެއް އެޅުމަކީ،އެ ކުންފުނީގެ ގާނޫނީ ޒިންމާއެއްކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ޔަގީންކަން ދެމެހެއްޓުމަށްޓަކައި، އެ ކުންފުނިން ގާއިމުކޮށްފައިވާ އުސޫލުތަކުގެ ބޭރުންކުރާ މަސައްކަތެއްގެ ތެރޭގައި ލިބޭ ގެއްލުމެއްގެ ބަދަލު ހޯދުމަށް ގާނޫނީ އިމުގެތެރެއިން މަސައްކަތްކުރާނެކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި އެންމެން ގުޅިގެން ގާނޫނީ އަދި ފަރުދީ ޒިންމާގެ ތެރެއިން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަކީ، ރައްޔިތުންނަށް އޭގެ ހެޔޮ ނަފާ އެންމެ އެދެވޭގޮތުގައި، ލިބިދެވޭނެ މަގުކަމަށްވުމާއެކު، އަސާސީ ޚިދުމަތްތަކަށް ބުރޫ ނާރާނެފަދަ ގޮތަށް އަމަލުކުރެއްވުމުގެ ޒިންމާ ހުރިހައި ފަރާތަކުންވެސް އަދާކޮށްދިނުމަށް ފެނަކައިން އެދިފައި ވެއެވެ.
ފެނަކައިން ވަނީ، މިފަދަ ހުރިހައި މަސައްކަތްތަކެއްގައިވެސް އެކުންފުނިން ދޭންޖެހޭ ހުރިހައި އެއްބާރުލުމަކާއި އެހީތެރިކަމެއް ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެވެ.




