ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖެ، ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުވައިދޭ މުހިންމު ތަނބުކަމުގައި ފޮރިން މިނިސްޓަރޔ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
އެމަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަކީ ހަމައެކަނި ރާއްޖޭގެ އިޤްތިޞާދުގެ ހަމަ އެކަނި ބިންގާ ނޫންކަމަށާއި، އެއީ އެއްބައިވަންތަކަން ދަމަހައްޓަައި، ރާއްޖެއާ ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުން ބަދަހިކުރުމަށްވެސް މުހިންމު ވަސީލަތެއްކަމަށެވެ.
އަދި މިއަދު، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ، އެކި ސަގާފަތްތައް އެއްބައިވަންތަކޮށް، މުޅި ދުނިޔޭގައި ސުލްހަ ކުރިއެރުވުމުގައި ފަތުރުވެރިކަމުން އަދާކުރާ މުހިންމު ދައުރުކަމަށް ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިސްކަންދޭއިރު، އެންމެންނަށް ދެމިއޮންނަ ފައިދާތަކެއް ކަށަވަރުކޮށްދޭ، ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތެއް ހޯދައިދިނުމަށް ރާއްޖެެއިން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި، ފަތުރުވެރިކަމުގެ ސިނާއަތުގެ އެހީގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައި ވެއެވެ.
އދގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން އިން،ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ދުނިޔޭގެ ފެންވަރެއްގައި ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުގަ އެވެ.




