މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި 158.85 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
މީީޑިއާތަކާ މިއަދު ފުލުހުން ހިއްސާކުރި ޑޭޓާތަކުން ދައްކާގޮތުގައި،1 ޖެނުއަރީން ފެށިގެން އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން 113 އޮޕަރޭޝަނެއް ހިންގައި 8554 މީހަކު ބަލާ ފާސްކޮށްފައިވެ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 712 މީހަކު ހައްޔަރުކޮށް،އޭގެ ތެރޭގައި ހިމެނޭ 80 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި، 158.85 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، 5252 ފުޅި ބަނގުރާ ފުލުހުން އަތުލައިގަނެފައި ވެއެވެ. އެއަތުލައިގަތް މަސްތުވާތަކެއްޗާއި ބަނގުރަލުގެ މަގުމަތީ އަގު 282.3 މިލިއަން ރުފިޔާއަށް އަރާކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި، މަސްތުވާތަކެތީގެ 475 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، 230 މައްސަލައެއްގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ)އޮފީހަށް ދައުވާ ކުރުމަށް އެދި ހުށަހަޅާފައިވެއެވެ.




