މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރ(ސީއީއޯ)އަކު ހޯދަން އަލުން އިއުލާނުކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑް(ޕީސީބީ) އިން އަލުން މިމަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފައި މިވަނީ، މިދިޔަ ޖޫން މަހު އެކަމަށް ކުރި އިއުލާނުގެ މުއްދަތުހަމަވީއިރު، ޝަރުތު ހަމަވާ ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ އެވެ.މިއަދު ޕީސީބީން ސީއީއޯއަކު ހޯދަން އަލުންކުރި އިއުލާނުގައި ބުނެފައިވަނީ، މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި އަދި ޚިދުމަތްތެރި ސީއީއޯއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ޝަރުޠު ހަމަވާ ފަރާތްތަކަށް އެކްސްޕްރެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް ޕީސީބީން މިއަދު ފުރުސަތު ހުޅުވާލާފައިވާއިރު، އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ 1400 ގެ ކުރިން info@pcb.gov.mv ނުވަތަ ahmed.yameen@finance.gov.,mv އަށް މެއިލްކުރުމަށް ޕީސީބީން އެދިފައި ވެއެވެ.
ހަތަރު އަހަރުގެ މުއްދަތަކަށް ސީއީއޯއެއް ހޯދާއިރު، މަގާމަށް ހޮވުމުގައި ތަޖުރިބާއަށް ބަލާނެކަމަށް ޕީސީބީން ބުނެފައި ވެއެވެ.މުސާރައިގެ ގޮތުގައި 12،000 އާއި 15،000 ޑޮލަރާއި ދެމެދުގެ އަދަދެއް ކަނޑައަޅާފައިވާއިރު، އަހަރީ ބޯނަސްވެސް ލިބޭނެ ކަމަށް ޕީސީބީން ބުންޏެވެ.
މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ޕީސީބީން ވަނީ، މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހްމަދު ސަމާހު ރަޝީދު މަގާމުން ވަކިކޮށްފައެވެ. މިވަގުތު މިފްކޯ ވަގުތީ ގޮތުން ހިންގަވަނީ،އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު އިލްޔާސް ހަނީފެވެ.


