ރާއްޖެ އައިސް އުޅުނު ޗައިނާ ދެ ފަތުުރުވެރިއަކު އަތުން ގެއްލުނު ދަބަސް ވަގަށް ނަގައި، އޭގައި ހުރި އަގުބޮޑު ސާމާނު ވިއްކި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ، ގދ. ތިނަދޫ/ ރަންފަރު/ ޒަބީހް މުހައްމަދު(46އ)އެވެ.
ފުލުހުން ޒަބީހް ހައްޔަރުކޮށްފައިވަނީ މޭރީ ބްރައުން އާ ދިމައިން ބޮޑުތަކުރުފާނުމަގު ބުރުމަތީގައި، ޗައިނާ ދެފަތުރުވެރިއަކު ހަނދާންނެތިގެން ދަބަސް ބޭއްވިފައިވަނިކޮށް ގެއްލިފައިވާކަމަށް ރޭ އިރާކޮޅު ފުލުހަށް ރިޕޯޓްކުރުމާއި ގުޅިގެން އެދަބަސް ހޯދަން ގަލޮޅު ފުލުހުން ކުރި މަސައްކަތުގެ ތެރެއިންނެވެ.
ފުލުހުންބުނީ، އެމައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ 19:12 ގައި ކަމަށާއި، 22:15 ހާއިރު ދަބަސް ހޯދައި ވެރިފަރާތާ ހަވާލުކޮށްފައި ވާކަމަށެވެ. އެ ދަބަހުގައި ލެޕްޓޮޕަކާއި،ހާޑް ޑްރައިވްއަކާއި، ޕަވަރބޭންކްއަކާއި، ޕާސްޕޯޓްގެ އިތުރުން އެހެން ބައެއް ތަކެތި ހުރިކަމަށް ފުލުހުން ބުނެފައި ވެއެވެ.
”ދަބަހުގައި ހުރި ބައެއް ތަކެތި ހޯދާފައިވަނީ ވިއްކާލާފައިވަނިކޮށް.“ ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގްކުރަމުންނެެވެ.



