ދ. ކުޑަހުވަދޫ ކައިރިން ދަތުރުކުރަމުންދިޔަ، ”ހަމްދު“ ދޯނީގައި ހެނދުނު ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެެންސް ފޯރސް(ޢެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުން ދިޔަ ”ހަމްދު“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގެ އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ ފަޔަރ ސްޓޭޝަނަށް މިއަދު ހެނދުނު 7:20 ހާއިރު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވާން ފެށިކަމަށެވެ.
އަދި ”ހަމްދު“ ދޯނީގައި ރޯވެފައިވާ އަލިފާން ނިންވާލުމަށް ދ.ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނަށް އެހީތެރިވުމަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ.ނިލަންދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވެސް މިއަދު 11:00 ހާއިރުން ފެށިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
”ހަމްދު“ ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށާއި، އޭގެ ދަތުރުކުރި 4 މީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގައި ދޯންޏަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.



