ގއ. ވިލިނގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ނާކޮޓިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިލި / އެތެންސް، މުހައްމަދު އަތޫފް ހަބީބް (24އ)، ގއ. ވިލިނގިލި / ޒޫމް، މުހައްމަދު ތަޤިއްޔު (25އ) އަދި ގދ. ގައްދޫ / ވިލަސް، މުޙައްމަދު ޒަހުވާން (23އ) އެވެ.
ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ސެޕްޓެންބަރު 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ވިލިނިގިލީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުންޏެވެ.
”މި އޮޕަރޭޝަނުގައި، އެ މީހުން ހައްޔަރުކޮށް، އެތަނުން އެކަކު ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓާއި، ހަތަރު ރަބަރުކޮޅާއި، ސެލޯފިންކޮޅެއްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމެއް ފެނުނު.“ ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އަތޫފް ހަބީބް 15 ދުވަހަށް އަދި އަނެއް ދެ މީހުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ.
މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.




