އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ބުނީ،އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓުގެ ބޯރހޯލް ޕަންޕަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ޕްލާންޓް ހުއްޓިފައިވާކަމަށެވެ. އަދި، އެ މައްސަލަ ޙައްލުކޮށް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަކަމަށެވެ.
ފެނަކައިން ބުނީ،ޕަމްޕްގެ މައްސަލަ ޙައްލު ވަންދެން ފެން އުފެއްދުން ހުއްޓިފައިވާތީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފޯރުކޮށްދޭ ފެން ހުސްވެ، ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި، މައްސަލަ ޙައްލުވީހާ އަވަހަކަށް ކަސްޓަމަރުންނާ އެ މައުލޫމާތު ޙިއްޞާ ކުރާނެކަމަށްވެސް ފެނަކައިން ބުންޏެވެ.
ފެނަކައިން ވަނީ، ފެނުގެ ޚިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަކަށްޓަކާ، ކަސްޓަމަރުންގެ ކިބައިން މައާފަށްވެސް އެދިފަ އެވެ.



