ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި، 28 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ބުނީ، އިއްޔެގެ އޮޕަރޭޝަނުގައި 314 ތަނެއް ބަލާފާސްކޮށް 769 ބިދޭސީންނާ ސުވާލުކޮށްފައި ވާކަމަށެވެ.އަދި، ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިއްޔެގެ އޮޕަރޭޝަނުގައި، ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް ވަނީ އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައިވާއިރު، ޤަވާއިދާ ޚިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 92 ދިވެހިންނަށް ލިޔުމުން ނަސޭހަތްވެސް ދިނެވެ. އަދި ދެވުނު ނޯޓިސްއާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ އެ ފަރާތްތަކާމެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ވަނީ ނިންމާފަ އެވެ.
އިމިގްރޭޝަން ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އިންސްޕެކްޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންގޮސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، އެމީހުންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަކީ އެއިދާރާގެ މަގްސަދުކަމުގަ އެވެ.
އިއްޔެ ކުރިއަށްދިޔަ މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށެވެ. ޝަމްޢާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތުން ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަމުންދާ ކަމަށާއި އެގޮތުން މާލޭގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުން ޤަވާއިދުގެ ތެރެއަށް ވަނުމަށް ނޯޓިސްދިން މީހުންގެ 95 އިންސައްތަ މީހުން އެ އޮފީހަށް ހާޒިރުވި ކަމަށް ޝަމްއާން ވިދާޅުވި އެވެ.
ޝައްމާން އިތުރަށް ވިދާޅުވީ، އެ މީހުންގެ ތެރެއިން ލިޔެކިޔުންތައް ރަނގަޅުކުރުމާއި ވިސާ ރަނގަޅު ކުރުމަށް ބޭނުންވި މީހުންގެ ވިސާ ރަނގަޅުކޮށްދީފައިވާނެ ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތުން ބިދޭސީން ގެންގުޅޭ ފަރާތްްތަކާއި އަދި ބިދޭސީ މަސައްކަތްތެރިންވެސް ޤަވާއިދުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވޭކަމަށެވެ.
އިއްޔެގެ އޮޕަރޭޝަނަކީ،އިމިގްރޭޝަނުން ފަށާފައިވާ ސިލްސިލާ މާސް އިންސްޕެކްޝަންތަކުގެ ދެވަނަ އިންސްޕެކްޝަނެއްވެ. ގެންގޮސްފައިވަނީ ގެންގޮސްފައިވަނީ ހުޅުމާލޭގެ ފޭސް 01 އަދި 02 ހިމެނޭގޮތަށް 27 ޒޯނަކަށް ބަހާލައިގެންނެވެ. އިމިގްރޭޝަންގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތާއި، އިކޮނޮމިކް މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މުވައްޒަފުން ވެސް މި އިންސްޕެކްޝަންގައި، އިމިގްރޭޝަންގެ 200 އަށްވުރެން ގިނަ އޮފިސަރުން ބައިވެރިވިއެވެ.



