އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ޙައްލުކޮށް، އޮޕަރޭޝަނަށް ގެނެސްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ބުނީ، އާރުއޯ ޕްލާންޓުގެ ބޯރހޯލް ޕަންޕަށް ދިމާވި މައްސަލައަކާ ގުޅިގެން ފެން އުފެއްދުމުގެ މަސައްކަތް މިއަދު ހުއްޓުނުކަމަށާއި، އެހެންނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައިވާކަމަށެވެ.
އާރްއޯ ޕްލާންޓަށް ދިމާވި މައްސަލަ ޙައްލު ކޮށްފައިވަނީ އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި އައްޑޫގެ އެމްޑަބްލިޔުއެސްސީގެ އެހީތެރިކަމާއެކުގައެވެ. އެހެންކަމުން އެކަން ފާހަގަކޮށް ފެނަކައިން ވަނީ އެއިދާރާތަކަށާއި، މިދަނޑިވަޅުގައި ކަސްޓަމަރުންގެ ފަރާތުން ދިން އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ.
އައްޑޫ ސަޕްލައި ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން މިހާރުވެސްދަނީ ކުރަމުންނެވެ. އައްޑޫ ސިޓީގެ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގައެވެ. އެއް އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރި 282 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ތެރެއިން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރަތްކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 1500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުން ހިމަނައިފައިވެއެވެ. އަދި ފެން ރައްކާކުރާ 200 ޓަނުގެ ތިން ތާނގި އާއި 100 ޓަނުގެ ތިން ތާނގި ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.



