ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފި އެވެ.
ރައީސް ކެބިނެޓަށް ގެންނެވި ބަދަލުގެތެރޭގައި، ހެލްތު މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. ޢަބްދުﷲ ޚަލީލް،ޚާރިޖީ ވަޒީރުކަމުގެ މަގާމަށް އަދި ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު، މާލީ ވަޒީރުކަމުގެ މަޤާމަށް އައްޔަނުކުރެއްވުން ހިމެނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަޤާމުގައި ހުންނެވި، ޢަބުދުﷲ ނާޠިމް އިބްރާހީމް ވަނީ ސިއްހަތާބެހޭ ވަޒީރުކަމަށް އައްޔަނު ކުރައްވާފަ އެވެ. ނާޒިމް އަކީ ކުރީގެ ޕީޕީއެމް ސަރުކާރުގައިވެސް ސިއްހަތާބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
މި ތިން ބޭފުޅުން މަގާމުތަކަށް އައްޔަނުކުރާއްވާފައިވަނީ މިއަދު މެންދުރުފަހު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވި އެވެ.
މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ޝަފީޤް މިއަދު ވަނީ އެމަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.



