ހދ. ހިރިމަރަދޫގެ ރައްޔިތުން އެދިފައިވާ ގޮތަށް އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ސަރުކާރުން މިހާރު ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެ އެކަމަށް އެދިފައިވަނީ ވަޒީރު އާދަމް ޝަރީފާއެކު މިދިޔަ މަހު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ރަށެއްގެ ރައްޔިތުން އަމިއްލައަށް ބޭނުންވެގެން އާބާދީ އެހެން ރަށަކަށް ބަދަލުކުރަން ބޭނުންވާނަމަ ސަރުކާރަށް އެކަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި މިގޮތުން މިހާތަނަށް ދެ ރަށަކުން އެކަމަށް އެދިފައިވާ ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާ އެއްގޮތަށް ހދ. ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ އާބާދީ ބަދަލުކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ރައްޔިތުންގެ ދިރިއުޅުން އެންމެ ރަނގަޅުވާނެ ގޮތަކާމެދު ވިސްނައިގެން ކުރާ ކަމެއްގެ ގޮތުގައި އެކަން ކުރުން ކަމަށާއި މިކަމުގައި ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.




