މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގައި 10 ފަންގިފިލާގެ އިމާރާތެއް އަޅަން އުޅޭކަން ހާމަކޮށްފިއެވެ. މިކަން އެމްޕީއެލުން ހާމަކޮށްފައިވަނީ އެ އިމާރާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިއްޔެ ކުރި އިއުލާނެއްގައެވެ.
އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭ ފެރީ ޓަރމިނަލް ކުރިމަތީގައި އޮންނަ ބިމުގައި އެކުންފުނިން އަޅަން ނިންމާފައިވަނީ ކޯޕަރޭޓް އޮފީސް އިމާރާތެކެވެ. މިއީ 9،580 އަކަފޫޓުގެ ސަރަހައްދެއްގައި އަޅާ އިމާރާތެކެވެ.
ކޮންޓްރެކްޓް ފައިނޭންސިންގްގެ އުސޫލުގެ ދަށުން ހަވާލުކުރާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 10ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް އެމްޕީއެލުން ވަނީ އެދިފައެވެ.
އެމްޕީއެލްގެ ފަރާތުން ހަދާ 10 ފަންގިފިލާގެ މި އިމާރާތުގައި ކޮންފަރެންސްތަކާއި އިވެންޓްތައް ބާއްވަން ހާއްސަ ފަންގިފިލާއެއް ހުންނާނެ ކަމަށް އެނގިފައިވެއެވެ. މީގެއިތުރުން ކެފޭ އާއި ރެސްޓޯރެންޓްތަކަށް ހާއްސަ ފަންގިފިލާއަކާއި ވިޔަފާރިތަކަށް ވެސް ފަންގިފިލާތަކެއް ކަނޑައަޅާފައިވެއެވެ. އަދި މީހުން ދިރިއުޅުމަށް އަށް ވަނަ ފަންގިފިލާއާއި ނުވަ ވަނަ ފަންގިފިލާ ހާއްސަކޮށްފައިވާއިރު، އިމާރާތުގެ އެންމެ މަތީގައި ރެސްޓޯރެންޓެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.



