އިޒްރޭލަށް ދޭ ކޮންމެ ހަމަލާއަކަށް އެމެރިކާއިން ވެސް ރައްދު ދޭނެ ކަމަށާއި އީރާނުން އިޒްރޭލަށް އިއްޔެ ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިޒްރޭލުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑެނީ ޑެނޮން ބުނެފިއެވެ.
ޒަމާނުއްސުރެ ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް ނުކުމެ އީރާނުން އިއްޔެ ވަނީ އިޒްރޭލަށް 300އަށްވުރެ ގިނަ މިސޭލު ފޮނުވާފައެވެ. މިހަމަލާތަކާ ގުޅިގެން ޑެނީ ކުރި މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިޒްރޭލަށް ހަމަލާދޭ ކޮންމެ ބަޔަކަށް ވެސް އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށާއި ބަދަލު ހިފާނެ ކަމަށެވެ.
އީރާނުން އިޒްރޭލަށް އިއްޔެ ހަމަލާދޭން ފެށުމާ ގުޅިގެން އެޤައުމުގެ އެންމެ ބޮޑު އެއް ބައިވެރިއެއް ކަމަށްވާ އެމެރިކާއިން ވަނީ ވަގުތުން އިޒްރޭލަށް އެހީތެރިވާން ފަށާފައެވެ. އެގޮތުން އެމެރިކާއާއި އިޒްރޭލު ސިފައިން ގުޅިގެން އީރާނުން ފޮނުވި 200 މިސޭލު ވައްޓާލި ކަމަށް ވެސް ބުނެފައިވެއެވެ. އިޒްރޭލު ސިފައިން ބުނި ގޮތުގައި އީރާނުން މިސޭލުތަކުގެ ތެރެއިން ވައްޓާނުލެވުނީ މަދު މިސޭލުތަކެކެވެ.
މި ހަމަލާއާ ގުޅިގެން އ.ދ ގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސަލިވަން ބުނީ އީރާނުން ދިން ހަމަލާތަކުން ދިފާއުވުމަށްޓަކައި އެމެރިކާއިން ވަރަށް ގާތުން އިޒްރޭލަށް އެހީތެރިވި ކަމަށާއި އެ ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އީރާނުން ދިން އެ ހަމަލާއަކީ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެއީ އެއްވެސް އަސަރެއް ނުކުރި ހަމަލާތަކެއް ކަމަށް ބުނެވެސް ސަލިވަން ފާޑުކިޔާފައިވެއެވެ.
އީރާނުން ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، އިޒްރޭލުން ހަމަޔަގީނުން ވެސް މަޑުން ނުތިބޭނެ ކަމަށާއި ވަރުގަދަ ރައްދެއް އީރާނަށް ދޭނެ ކަމަށެވެ.




