ލ. ގަން ސްކޫލެއްގެ ދަރިވަރަކު ބަރަހަނާކޮށް އެކުއްޖާއަށް ގަނާ ކުރި މައްސަލައެއް ސްކޫލަށް އެނގިފައި ނުވާ ކަމަށް ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ސްކޫލްގެ ދަރިވަރުންތަކެއް، އެހެން ފިރިހެން ދަރިވަރެއްގެ ގެއަށް ގޮސް އެކުއްޖާ ރަހީނު ކޮށްފައިވާ ކަމަށެވެ. އަދި އެކުއްޖާ ތަނަކަށް ގެންގޮސް ބަރަހަނާކޮށް، ވީޑިއޯ ކުރުމަށްފަހު ބްލެކްމެއިލްކޮށް ގަނާ ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
މިމައްސަލައާ ގުޅިގެން ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ މިފަދަ މައްސަލައެއް ސްކޫލަށް އެނގިފައި ނުވާ ކަމަށާއި މިއީ ސްކޫލް ބަންދު ދުވަސްވަރު ކަމުން، ހިނގި ކަމެއް ހިނގާފައިވާނީ ސްކޫލުން ބޭރުން ކަމަށެވެ.
ސްކޫލް ބަންދުވުމުގެ ކުރިންވެސް މިފަދައިން އެ ދަރިވަރަށް ގަނާ ކުރި މައްސަލައެއް ރިޕޯޓު ކޮށްފައިވޭތޯ ސުވާލު ކުރުމުން ޕްރިންސިޕަލް ވިދާޅުވީ، އެފަދަ މައްސަލަތައް އަބަދުވެސް ފެންމަތިވާ ކަމަށާއި އެކަމާ ގުޅޭގޮތުން ބޮޑަށް މައުލޫމާތު ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ކަމަށެވެ.
ދަރިވަރަކު ބަރަހަނާކޮށް ބްލެކްމެއިލް ކުރިކަމުގެ މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ މިހާރު ބަލަމުން ގެންދާ ކަމަށެވެ.



