ސަރުކާރުން އިސްނަގައިގެން ފަށާފައިވާ ”ފަސް އަހަރުން ފަސް މިލިއަން ގަސް“ އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިސާލު ދައްކައިފިއެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯއިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ ސަރުކާރުގެ ”ފަސް އަހަރުން ފަސް މިލިއަން ގަސް“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ޙަރަކާތުގައި، މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 36،825 ގަސް އިންދާފައިވާ ކަމަށެވެ.
އެންމެ ހަތަރު މަސް ދުވަސް ތެރޭގައި މިއަދަދަށް ސްޓެލްކޯ އިން ގަސް އިންދާފައިވާއިރު، ބާކީ އިންދަންޖެހޭނީ 463،175 ގަހެވެ.
ތިމާވެށި ރައްކާތެރިކޮށް، ރާއްޖޭގެ ފެހިކަން ގަދަ ކުރުމަށްޓަކައި ސަރުކާރުން ފަށާފައިމިވާ ޕްރޮގްރާމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑ. މުޙައްމަދު މަޢިއްޒުއަށް ޝުކުރު އަދާ ކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފުރިހަމައަށް އަމާޒު ހިފާފައިވާ ކަމަށެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެ ޕްރޮގްރާމް ފެށިފަހުން މަހަކު ގާތްގަނޑަކަށް 9200 ގަސް އިންދުމަށް އެކުންފުނިން އަމާޒު ކޮށްފައިވާ ކަމަށެވެ.




