ވޭޕް ދެމުމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ކުޅުންތެރިންނަށް ވަނަތައް ހޯދަން ހުރަސް އެޅޭކަމަށް ބުނެ، ރާއްޖޭގައި ވެސް ވޭޕް މަނާ ކުރަން ޤައުމީ ކުޅިވަރު ޖަމިއްޔާތުން މިއަދު ގޮވާލައިފިއެވެ.
ޤައުމީ ކުޅިވަރު ޖަމިއްޔާތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭޕް އަދި އީ-ސިނގިރޭޓުގެ ސަބަބުން ކުޅިވަރު ކުޅުންތެރިންނަށް ސިއްހީ މައްސަލަތައް ދިމާވާތީ އެކަމުގެ ސަބަބުން ބައިނަލްވަގުވާމީ މައިދާނުގައި ރަން ވަނަތައް ހާސިލު ކުރަން ވެސް ކުޅުންތެރިންނަށް ހުރަސްއެޅޭ ކަމަށެވެ.
އެހެންކަމުން ވޭޕްއާއި އީ-ސިނގިރޭޓު ރާއްޖެ އެތެރެ ކުރުމާއި ވިޔަފާރި ކުރުން މަނާ ކުރުމަށް އެޖަމިއްޔާތަކުން ގޮވާލާފައިވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ކުޅިވަރުކުޅުންތެރިންނާއި ތަމްރީނު ދޭ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މިހާރު ވޭޕްއާއި އީ-ސިނގިރޭޓު ބޭނުން ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންގެ ފުއްޕާމެޔަށް ސިއްހީ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޅުންތެރިންގެ ޕަރފޯމަންސްއަށް ވެސް އަސަރުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.



