ޔަހޫދީ އިޒްރޭލުން މިއަދު ފަތިހުގެ ވަގުތެއްގައި ލުބްނާންގެ ވެރިރަށް ބެއިރޫތަށް ވައިގެމަގުން ހަމަލާދީ މިހާތަނަށް ހަ މީހަކު ޝަހީދުކޮށްލައިފިއެވެ.
”އަލްޖަޒީރާ“ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިޒްރޭލުން ހަމަލާ ދީފައިވަނީ ބެއިރޫތުގެ މެދަށެވެ. މިހަމަލާގައި ހަ މީހަކު މިހާތަނަށް ޝަހީދުވެފައިވާއިރު ހަތް މީހުން ޒަހަމްވެފައިވެއެވެ. އިޒްރޭލުން ބުނި ގޮތުގައި މިއީ މީގެ ދުވަސްކޮޅެއް ކުރިން އީރާނުން ފޮނުވާފައިވާ ޙަޒްބުﷲ އިން އިޒްރޭލަށް ދިން ހަމަލާއަށް ބަދދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އިޒްރޭލުން މިހަމަލާތައް ފުރަތަމަ އަމާޒުކޮށްފައިވަނީ ބެއިރޫތުގައި ހުރި އުސް އިމާރާތަކަށެވެ. އަދި މި ހަމަލާގެ ސަބަބުން އެ އިމާރާތުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.
މިހަމަލާއާ ގުޅިގެން ލުބްނާންގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ ހަ މީހުން މިހާތަނަށް ޝަހީދުވެފައިވާއިރު މިއަދަދު އިތުރު ވެދާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.
އިޒްރޭލުން ވަނީ މިދިޔަ ހަފްތާގައި ވެސް ލުބްނާންގެ ދެކުނު ދާހިޔާއަށް ތިން މިސޭލު ފޮނުވާ ޙަޒްބުﷲ ގެ ލީޑަރު ޙަސަން ނަސްރުﷲ ޝަހީދު ކޮށްލާފައެވެ.
ޔަހޫދީ އިޒްރޭލު ސިފައިން ލުބްނާނަށް މިއަދު ހަމަލާ ދީފައިވާއިރު، އީރާނުން އިއްޔެ ފަތިހު ވަނީ އިޒްރޭލަށް 100އަށްވުރެ ގިނަ މިސޭލު ފޮނުވާ ހަމަލާދީފައެވެ. އެޤައުމުން ބުނި ގޮތުގައި އެހަމަލާގެ ސަބަބުން ޔަހޫދީ ސިފައިންގެ އަށް މީހަކު ވަނީ މަރުވެފައެވެ. އެހަމަލާއާ ގުޅިގެން ބަދަލު ހިފާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވަނީ ބުނެފައެވެ.



