ބޮލީވުޑްގެ ދުވަސްވީ އެއް އެކްޓަރު ގޯވިންދާގެ އަމިއްލައަތުން އޭނާގެ ފަޔަށް ބަޑިޖެހިގެން ހޮސްޕިޓަލުން ފަރުވާ ހޯދަމުން އެބަދެއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި، ޖޫހޫގައި ގޯވިންދާ ދިރިއުޅެމުންދާ އެޕާޓްމަންޓް ތެރޭގައެވެ.
އުމުރުން 60 އަހަރުގެ ގޯވިންދާއަކީ އޭނާއާއި އޭނާގެ އާއިލާގެ ހަށިރައްކަލަކަށް އަމިއްލަ ރިވޯލްވަރެއް ގެންގުޅޭ މީހެއް ކަމަށާއި އޭނާ އަތުގައި އޭގެ ލައިސަންސް ވެސް އޮންނަ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މިހާދިސާއާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ގޯވިންދާގެ މެނޭޖަރު ބުނެފައިވަނީ، ގޯވިންދާ ތައްޔާރުވަމުން ދިޔައީ އިއްޔެ ކަލްކަތާއަށް ފުރާށެވެ. އެގޮތުން ރިވޯލްވަރު ކަބަޑަށް ލާން އުޅެނިކޮށް އޭނާގެ އަތުން ދޫވެ ވެއްޓިގެން އޭގެ ޓްރިގަރަށް ފިތުނުކަމަށާއި ފަޔަށް ބަޑި ޖެހުނީ ކަމަށް ވެސް މެނޭޖަރު ބުނެފައިވެއެވެ.
ފަޔަށް ބަޑި ޖެހުމާއެކު ވަގުތު ގޯވިންދާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް މެނޭޖަރު ބުނެފައިވެއެވެ.
ކޮމެޑި ފިލްމުތައް ކުޅުމުގައި އާންމުންގެ މެދުގައި ބޮޑަށް މަޝްހޫރުކަން ހޯދާފައިވާ ގޯވިންދާއަކީ މިހާރު އެކްޓަރެއްގެ އިތުރުން އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޝިވްސީނާގެ ލީޑަރެވެ.


