ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރާތީ މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯރކްގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، 4 އޮކްޓޯބަރ 2024 ވާ ހުކުރު ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ލަފާ ކޮށްފައިވަނީ މާދަން ހެނދުނު 6:00 އާއި 6:30 އާ ދެމެދު އަދި 9:45 އާއި 10:30 އާ ދެމެދުގެ މަވުތެއްގައެވެ. ކަރަންޓު ކެނޑޭނެ ކަމަށް ލަފާކޮށްފައިވަނީ މާލޭގެ މާފަންނު، މައްޗަންގޯޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ނިހާޔަތައް މާފަށް އެދެއެވެ.




