މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ބޭރު ފައިސާއާ ބެހޭ އައު ގަވައިދުތަކަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާޕަރސަން ޢަބްދުﷲ ނާޝިދު ވިދާލުވެއްޖެއެވެ.
ބޭރުފައިސާގެ ގަވައިދު އިސްލާހުކޮށް އެމްއެމްއޭ އިން ވަނީ މިމަހުގެ އެއްވަނަ ދުވަހު އައު ގަވައިދެއް ގެޒެޓު ކޮށްފައެވެ.
ޓޫރިޒަމް ދާއިރާއަށް ބޮޑަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ އެގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ގަވައިދު އެކުލަވާލި ދުވަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީ ކުރާ ކޮންމެ ވިޔަފާރިއެއް ވެސް 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހޭނެއެވެ. މީގެއިތުރުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކޮންމެ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތާއި މުދަލުގެ ތަފްސީލު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއިން ކަނޑައަޅާ ގޮތަކަށް އެ އޮތޯރިޓީއާ ހިއްސާކުރަން ވެސް ޖެހޭނެއެވެ.
ގަވައިދާ ގުޅޭގޮތުން ”އެކްސް“ ގައި އޭޑީކޭ ނާޝިދު އިއްޔެ ކުރި ޕޯސްޓެއްގައި ވިދާޅުވީ އެގަވައިދަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށާއި މިއީ ބޭންކުތަކުން ޑޮލަރު ލިބުމުގެ ދަތިކަން ފިލުވާލުމަށް އެޅޭނެ ވަރަށް ވެސް ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި ބްލެކްމާކެޓުގައި ޑޮލަރު ހޯދުން ހުއްޓުވާ ބޭހާއި ކާބޯތަކެތިފަދަ ޒަރޫރީ ބޭނުންތައް ވެސް ފަސޭހައިން ފުއްދިގެން ދާނެ ކަމަށް އޭޑީކޭ ނާޝިދު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ނާޝިދު ވިދާޅުވީ ޓޫރިޒަމް ދާއިރާއާއި އެނޫންވެސް ގުޅުންހުރި އެސޯސިއޭޝަންތަކާއެކު ރަނގަޅަށް މަޝްވަރާކުރެވުނުނަމަ މިގަވައިދު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށާއި އެހެންނަމަވެސް މިއީ ރާއްޖޭގެ އިޤްތިޞާދަށް ދެމެހެއްޓެނިވި ރަނގަޅު ބަދަލެއް ގެނެސްދޭނެ ގަވައިދެއް ކަމަށެވެ.




