މުހިންމު މަސައްކަތެއް ކުރާތީ މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީގެ ފަރީދީ މަގު، ނަރުގިސް ގޯޅި، ލިލީ ގޯޅި، ޗަންޕާ މަގު އަދި ރަތްފުސް ގޯޅި ހިމެނޭ ސަރަޙައްދުން މާދަމާ (9 އޮކްޓޫބަރު 2024) ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެއިތުރުން ހަމަ މި މަސައްކަތަށް މާލޭގެ އަމީނީ މަގު، އަމީނީ މަގު ހަނި ގޯޅި، ނިކަގަސް ހިނގުން، ތަބުރޭޒީ މަގު އަދި އައިމިނާރަނި ހިނގުން ހިމެނޭ ސަރަޙައްދުން ވެސް މާދަމާ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަކަށް ސްޓެލްކޯއިން ނިހާޔަތަށް މާފަށް އެދެއެވެ.



