ހޮލީވުޑްގެ މަޝްހޫރު މިޔުޒިކް ބޭންޑު ”ވަން ޑިރެކްޝަން“ ގެ ކުރީގެ ލަވަކިޔުންތެރިޔާ ލިއަމް ޕޭންގެ މަރާ ގުޅޭގޮތުން މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް އެބޭންޑުން ބުނެފިއެވެ.
ލިއަމް މަރުވެފައިވަނީ އޭނާ ދިރިއުޅެމުންގެންދާ އެޕާޓްމަންޓުގެ ތިންވަނަ ބުރިން ވެއްޓި މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އުމުރުން 31 އަހަރުގެ އެ ޒުވާނާ މަރުވީ މަސްތުވާތަކެތި ބޭނުން ކުރުމުން ކަމަށް މިހާތަނަށް ކުރި ތަހުގީގުތަކުން ދައްކާ ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް ޚަބަރުތަކުގައި ބުނެފައިވެއެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލިއަމްގެ މަރާ ގުޅިގެން މުޅި ދުނިޔެއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އަދި ގިނަ ބަޔަކު އެންމެ އެނގެން ބޭނުންވީ މިހާދިސާއާ ގުޅިގެން ”ވަން ޑިރެކްޝަން“ އިން ބުނަނީ ކީކޭ ކަމެވެ.
ލިއަމްގެ އިތުރުން ހެރީ ސްޓައިލްސް، ނިއަލް ހޯރަން، ލުއިސް ޓޮމްމިލްސަން އަދި ޒޭން މަލިކް ހިމެނޭ އެ ބޭންޑުން މިކަމާ ގުޅިގެން އިއްޔެ ވަނީ ނޫސް ބަޔާނެއް ނެރިފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެހެންމީހުންނެކޭ އެއްފަދައިން ވަން ޑިރެކްޝަން ވެސް މިވަގުތު ތިބީ ކުއްލި ސިހުމެއްގައި ކަމަށާއި އެހެންކަމުން މިހާދިސާއާ ގުޅިގެން އިތުރު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި ލިއަމްއަކީ މީހުންނާ ވަރަށް ގުޅޭ، މުޅި ބޭންޑުގެ އެއް ދިރުން ކަމަށާއި އޭނާގެ ކުއްލި ވަކިވުމުގެ ސަބަބުން މިވަގުތު ބޭންޑުން ބޭނުން ވަނީ ހަމައެކަނި އެކަމާ ހިތާމަކުރަން ވަގުތުކޮޅެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.



