ވޭޕް ކުރާތީ ޖޫރިމަނާއެއް ކަމަށް ބުނެ، ފުލުހަކަށް ވެގެން އިންޑިއާގެ މުމްބައީގައި އަންހެނަކު 50،000 ރުޕީސްއިން ލޫޓުވަން އުޅެފިއެވެ.
އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނެފައިވަނީ މިހާދިސާ ހިނގިއިރު އަންހެން މީހާ އިނީ އޮޓޯރިކްޝާއެއްގައި ވޭޕް ކުރަން ކަމަށެވެ. އޭނާ ވޭޕް ކުރާތަން ފެނިގެން އޮޓޯއަށް އެފިރިހެން މީހާވެސް އެރިކަމަށާއި އޭނާއަކީ ފުލުހެއް ކަމަށް ބުނެ ވޭޕް ކުރާތީ ޖޫރިމަނާއެއްގެ ގޮތުގައި 50،000 އިންޑިއަން ރުޕީސް ވަގުތުން ދިނުމަށް ބުނި ކަމަށް ވެސް އަންހެން މީހާއާ ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އަންހެން މީހާ ބުނި ގޮތުގައި ފުލުހެއް ކަމަށް ހެދިގެން އައި އެމީހާ ހުރީ އާދައިގެ ކުލަހެދުން ލައިގެންނެވެ. އަދި އަންހެން މީހާ ހައްޔަރު ކުރަން އުޅޭކަމަށް ދެއްކި ކަމަށް ވެސް ބުނެފައިވެއެވެ.
އެމީހާއަކީ ހަގީގަތުގައި ފުލުހެއް ނޫންކަން އަންހެން މީހާއަށް ޔަގީންވީ، ފުލުހެއްކަން އަންގައިދޭ އައިޑީކާޑު ނުވަތަ އެނޫންވެސް ލިޔުމެއް ދައްކަން ބުނުމުން ފިރިހެން މީހާ އެކަމަށް ދެކޮޅު ހެދުމުންނެވެ. އެހެންކަމުން އަންހެން މީހާވަނީ ވަގުތުން އޭނާގެ ފޯނުން އެމަންޒަރުތައް ރިކޯޑު ކުރަން ފަށާފައެވެ. އަދި ފިރިހެންމީހާއާ ދިމާލަށް ފޯނު ދިއްކުރުމުން އޭނާގެ މޫނު ފޮރުވި ކަމަށް ވެސް އަންހެން މީހާ ބުނެފައިވެއެވެ. އަދި ވަގުތުން އޮޓޯއިން ނިކުމެގެން ދިޔަ ކަމަަށް ވެސް އަންހެން މީހާ ބުނެފައިވެއެވެ.
މިމަހުގެ 15 ވަނަ ދުވަހު ހިނގި މިހާދިސާގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މިކަން ބަލައި ފިޔަވަޅު އެޅުމަށް އެތައް ބަޔަކު މުމްބައި ފުލުހުންނަށް ވަނީ ގޮވާލައިފައެވެ.



