ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އަށް މިދުވަސްކޮޅު މިވަނީ ވަރަށް ގިނަ ކަންކަމާއި ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއްކަމަކީ، އިންޑިއާގެ ނަން މަޝްހޫރު ގޭންގްސްޓަރެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ، ސަލްމާން ޚާނަށާއި އޭނާގެ އާއިލާއަށް ދެމުންގެންދާ މަރުގެ އިންޒާރު ތަކެވެ.
ލަވަކިޔުންތެރިޔާ ސިދޫ މޫސްވާލާގެ ގަޔަށް ވެސް ބަޑިޖަހާ މަރާލިކަމުގެ ޒިންމާ ނަގައިގެން ހުރި ބިޝްނޯއީ ދާދިފަހުން ވަނީ އިންޑިއާގެ ސިޔާސީ އެއް ލީޑަރު އަދި ސަލްމާން ޚާންގެ ގާތް އެކުވެރިއެއް ކަމަށްވާ ބާބާ ސިއްދީގީ ވެސް މަރާލި ކަމަށް އެއްބަސްވެފައެވެ. މީގެއިތުރުން ސަލްމާން ޚާން ދިރިއުޅޭ އެޕާޓްމަންޓަށް ވެސް މީގެކުރިން ބަޑިޖަހާ، ސަލްމާންގެ ބައްޕަ ސަލީމް ޚާނަށް މަރުގެ އިންޒާރުތައް ވެސް ދިނެވެ. މިހުރިހާ ކަމެއްގެ ސަބަބުން ސަލްމާން ވަނީ އޭނާގެ ސެކިއުރިޓީ ވެސް ވަރުގަދަ ކޮށްފައެވެ.
ކުރިމަތިވެފައިމިވާ ކަންތައްގަނޑުގެ ސަބަބުން ބިރުގަނެ ހާސްވެފައި ހުރީ ސަލްމާން އެކަންޏެއް ނޫނެވެ. އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ އެހެން ފަންނާނުން ވެސް މިކަމާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ.
އެގޮތުން ލަވަކިޔުންތެރިޔާ އަނުޕް ޖަލޯޓާ ވަނީ، ލޯރެންސް ބިޝްނޯއީގެ ކޮމިއުނިޓީއަށް ސަލްމާން ޚާން މާފަށް އެދެން ޖެހޭކަމަށް ބުނެ، އެކަން ވީހާވެސް އަވަހަށް ކުރުމަށް ގޮވާލާފައެވެ.
އަނުޕް ބުނީ މިވަގުތަކީ މަރުވީ ކާކުކަމާއި އަދި ނުވަނީ ކާކުކަން ބަލަން ތިބެންވީ ވަގުތު ނޫން ކަމަށާއި ބާބާ ސިއްދީގީވެސް މިހާރު މަރާލާފައިވުމުން، މިއީ ސަލްމާން ޚާންގެ ސަބަބުންވީ ކަމެއްކަން ޤަބޫލުކޮށް މިކަމަށް އަވަހަށް ހައްލެއް ގެންނަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެހައްލަކީ ބިޝްނޯއީ ކޮމިއުނިޓީ ކައިރިން މާފަށް އެދުން ކަމުގައި ވެސް އަނުޕް ބުންޏެވެ.



