އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތައް ފުއްދޭނެ ގޮތަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެންބަރު މަމްދޫހް ވިދާޅުވީ ބަޖެޓު ކަނޑައެޅުމުގައި މިސަރުކާރުން އެންމެ މުހިންމު އަދި އެންމެ އިސްކަމެއް ދޭނެ އެއްކަމަކީ ވީހާވެސް ”ރިއަލިސްޓިކް ފިގަރސް“ ތަކެއް ގެނައުމަށް ކަމަށެވެ.
އެގޮތުން ކުރީ ސަރުކާރުން ހުށަހަޅާ ފާސްކޮށްފައިވާ ބަޖެޓުތަކަށް ބަލާއިރު މަޝްރޫޢުތަކާ ނުބައްދަލު އަދަދުތައް ޖަހާފައި ހުންނަކަން މެންބަރު މަމްދޫހް ފާހަގަ ކުރެއްވިއެވެ.
”އެއާ ޚިލާފަށް އަޅުގަނޑުމެންގެ ފަރާތުން ހުށަހެޅޭ ބަޖެޓުގައި އިރާދަކުރެއްވިއްޔާ ރިއަލިސްޓިކް ފިގަރސް ތަކެއް ހުންނާނެ. ރައީސް މުޢިއްޒުގެ ވައުދުފުޅުތައް ފުއްދޭނެ ގޮތަށް އެ ބަޖެޓުގެ ކަންތައްތައް ބައްޓަން ވެގެން ދާނީ“ ފުނަދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
އެގޮތުން ރަށްރަށުގައި ކުރަން ހުރި މަސައްކަތްތައް ކުރެވޭނެ ގޮތާއި މިހާރު ކުރަމުންދާ އިސްލާހީ މަސައްކަތްތަކަށް ވެސް ބާރު އެޅިގެންދާނެ ގޮތަށް މިފަހަރުގެ މަޖިލީހުން ފާސްވެގެންދާ ބަޖެޓުވެގެން ދާނެ ކަމަށް ވެސް މަމްދޫހް ވިދާޅުވިއެވެ.



