ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އާލިއާ ބަޓްއަކީ އޭނާގެ އެންމެ ފުރަތަމަ ފިލްމު ”ސްޓޫޑެންޓް އޮފް ދަ އިޔަރ“ އިންވެސް ބެލުންތެރިންގެ މަގުބޫލުކަން ދަމައިގަނެފައިވާ ފަންނާނެކެވެ. ނުހަނު ޅަ އުމުރުގައި ފިލްމީ ދުނިޔެއަށް ތައާރަފްވި އާލިއާ މިހާތަނަށް ކުޅެފައިވާ ކޮންމެ ފިލްމަކުން ވެސް ނަންވިދާލާފައިވެއެވެ. އަދި އޭނާގެ ގިނަ ފިލްމުތަކަކީ ސުޕަރހިޓް ފިލްމުތަކެވެ.
ކާމިޔާބީއާއެކީ އާލިއާއަށް ލިބެމުންދިޔަ ފާޑުކިޔުންތައް ވެސް މަދެއް ނޫނެވެ. އެގޮތުން އޭނާއަކީ ޅަ ސިކުނޑިއެއް ހުންނަ، ސުވާލަކަށް ގުޅޭ ޖަވާބު ދޭން ނޭނގޭ ނުވިސްނޭ މީހެއް ކަމަށް ވެސް ބުނެފައިވެއެވެ. އާލިއާއާ ދޭތެރޭ ބައެއް މީހުން ދެކެމުންދިޔަ ގޮތް ކިރިޔާވެސް ބަދަލުވާން ފެށީ އެކްޓަރު ރަންބީރް ކަޕޫރްއާ ކައިވެނިކޮށް ދަރިއަކު ލިބުނުފަހުންނެވެ.
ނަމަވެސް ދުވަސްކޮޅެއްގެ ބްރޭކަކަށްފަހު، އާލިއާއަށް އަނެއްކާވެސް މިވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އާލިއާ އެންމެ ފަހުން ކުޅުނު ފިލްމު ”ޖިގްރާ“ ބޮކްސް އޮފީހުގައި ބޮޑުތަނުން ފްލޮޕްވުމާއެކު ފިލްމަށް ލިބުނު ފާޑުކިޔުންތަކުގެ އިތުރުން އާލިއާއަށް ވެސް ބައެއް މީހުންވަނީ އިންތިހާއަށް ޖޯކު ޖަހާފައެވެ.
އެގޮތުން ބައެއް މީހުން އެންމެ ބޮޑަށް ބެހެފައިވަނީ އާލިއާގެ ސިފައާއެވެ. ކޮސްމެޓިކް ސާރޖެރީ މާގިނައިން ހެދުމުން އާލިއާގެ ހަށިގަނޑާއި ސިފައަށް ބަދަލު އައިސްފައިވާ ކަމަށާއި މޫނުގެ އެއްފަޅި ވާގިނެތިފައި ހުރިކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. މިއީ ކޮސްމެޓިކް ސާރޖެރީ ނުބައިކޮށް ހެދުމުން ވީކަމެއް ކަމަށް ވެސް ބުންޏެވެ.
މީހުންގެ މިފަދަ ފާޑުކިޔުންތަކަށް މިފަހަރު އާލިއާ ބަޓް ވަނީ ހޫނު ރައްދެއް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ދީފައެވެ. އާލިއާ ބުނީ އެއްވެސް ހެއްކަކާ ނުލައި އެފަދަ ވާހަކަ ނުފެތުރުމަށާއި އެންމެ ބޮޑު ހިތާމައަކީ މިފަދަ ވާހަކަތައް އެންމެ ގިނައިން ފަތުރާފައިވަނީ އަންހެނުން ކަމަށެވެ. ނަމަވެސް އޭގެން އެއްވެސް ވާހަކައަކީ ދޮގެއް ކަމަކަށް ވެސް އާލިއާ ބުނެފައެއް ނުވެއެވެ.



