ގދ. ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން އެ ސަފާރީ ބަލައިފާސްކޮށް 1224 ބަނގުރާ ދަޅު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
އެގޮތުން ފުލުހުން ވިދާޅުވީ އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ސަފާރީ ބަލައިފާސްކުރިއިރު 1224 ދަޅު ބަނގުރަލާއި 124 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ދެމީހަކު ގެންދިޔަ ކަމަށާއި ނަމަވެސް މައްސަލައާ ގުޅިގެން ސުވާލު ކުރުމަށްފަހު އެ ދެމީހުން ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ގައްދޫ ޕޮލިސް ސްޓޭޝަން، ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ސަބް ރީޖަންގެ ރެޕިޑް ރެސްޕޮންސް އެންޑް ހައިވިސިޕިލިޓީ ޓީމު ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



