ހއ. އިހަވަންދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ މަގުތަކުގައި މިވަގުތު ކުރިއަށްދަނީ ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް އެކަނި ކަމުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ބުނެފިއެވެ.
އާރްޑީސީން ބުނީ އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހިންގޭ މި މަޝްރޫޢުގައި 15 މަގެއް ހިމެނޭހެން ޖުމްލަ 6.9 ކިލޯ މީޓަރުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންގެންދާ ކަމަށެވެ.
އެގޮތުން މި ވަގުތު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުމުގެ މަސައްކަތްތައް ކަމަށާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އާރްޑީސީން ބުންޏެވެ.
މީގެއިތުރުން މި މަޝްރޫޢަށް ބޭނުންވާ ކާސްޓިންގ މަސައްކަތް އިހަވަންދޫ ސައިޓުގައި ކުރަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި މަޝްރޫއުގެ އަގަކީ 102،846،733.89 ދިވެހި ރުފިޔާ އެވެ. އަދި މިހާތަނަށް މި މަޝްރޫޢުގެ 20 އިން ސައްތަ މަސައްކަތްވަނީ ކުރެވިފައިވާ ކަމަށް ވެސް އާރްޑީސީން ބުންޏެވެ.



