”ތަރައްޤީގެ ބައިވެރިޔާ“ ގެ ނަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ސްލޯގަންއެއް އިފްތިތާހްކޮށް އެކަން އިއުލާނު ކޮށްފިއެވެ. އެ ކުންފުންޏަށް މިއަހަރުގެ ޑިސެމްބަރު މަހު 75 އަހަރު ފުރޭއިރު، ސްލޯގަންއެއް ބޭނުންކުރަން ފަށާފައި މިވަނީ މުޅިން އަލަށެވެ.
ސްޓެލްކޯގެ ސްލޯގަން އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ރޭގައި ބޭއްވި ޚަފްލާއެއްގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ.
”ތަރައްޤީގެ ބައިވެރިޔާ“ މި ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ޤައުމީ ތަރައްޤީގައި ސްޓެލްކޯއިން ވެފައިވާ ޙިއްސާ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. އެގޮތުން ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ޚިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު މި ސްލޯގަންއިން ރަމްޒުކޮށްދޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މީގެއިތުރުން 1949ން ފެށިގެން ސްޓެލްކޯއިން (އެކި ނަންނަމުގައި) ދެމުންއައި ކަރަންޓުގެ ޚިދުމަތުގެ އިތުރުން މިހާރު އެ ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ޚިދުމަތާއިއެކު ޤައުމީ ތަރައްޤީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާ ވުން ވެސް މި ސްލޯގަންއިން ރަމްޒުކޮށްދޭކަން ސްޓެލްކޯއިން ފާހަގަ ކޮށްފައިވެއެވެ.
މުޅިން އަލަށް ސްލޯގަންއެއް އިފްތިތާހް ކުރުމުގެ އިތުރުން ސްޓެލްކޯއިން ރޭގައި ވަނީ ކުރިއަށް އޮތް ފަސް އަހަރަށް އެކުންފުނިން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވެސް އިފްތިތާހް ކޮށްފައެވެ.
ސްޓްރެޓެޖިކް އެކްޝަން ޕްލޭން ވެސް އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިޕްލޭނަކީ މިހާރު އެކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ޙުސައިން ފަހުމީ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް އަންނަމުން މިދާ ތަރައްގީއާއި ތަހުޒީބާއި، ކުރިއެރުންތަކާއި އެއް ހަމަޔަކަށް ކަރަންޓާއި، ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރީ ކޮން މަސައްކަތްތަކެއްތޯ ބައްލަވައި، އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރެވިގެންދާނެ މަގުކޮށްޓެވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ހަރުދަނާ ލަފަޔާއި އިރުޝާދާއި އެކުގައި ތައްޔާރުކުރެވިފައިވާ ޕްލޭނެއް ކަމަށެވެ.



