ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ޝާރްޖާއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް އެއަރ އެރޭބިއާގެ ސީދާ ދަތުރުތައް އިއްޔެ ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބުނީ އެއަރ އެރޭބިއާގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އިއްޔެ މެންދުރު 01:28 ގައި ކަމަށާއި މިފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން އިއްޔެ ރަސްމިއްޔާތެއް ވެސް ބާއްވާފައިވާ ކަމަށެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސަޑަރ ޙަސަން ވަޙީދު، އެއަރ އެރޭބިއާގެ ޔޫ.އޭ.އީގެ އޭރިއަރ މެނޭޖަރ ޝަހްޒަދް ނަގްވީ، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފްގެ އިތުރުން އެ ކުންފުނީގެ އިސްބޭފުޅުންނާއި ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޚަފްލާގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ޝާރްޖާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ ގިނަ ސިޓީތަކާއި ރާއްޖެއާއި ދެމެދު ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އަދި މިގޮތަށް އުފެދޭ އިތުރު ކޮންމެ ކަނެކްޝަނަކާއިއެކު ސަރަޙައްދީ ވައިގެ ދަތުރުފަތުރާއި ދުނިޔޭގެ މި ސިނާޢަތުގައިވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަގާމު ރަނގަޅުވެގެންދާނެ ކަމަށެވެ.
އެއަރ އެރޭބިއާގެ މިފްލައިޓަކީ ޝާރްޖާއިން ދިވެހި ރާއްޖެއައް ސީދާ ދަތުރުކުރަން ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓެވެ. ޝާރްޖާއާއި ވީ.އައި.އޭއާއި ދެމެދު އެއަރ އެރޭބިއާއިން ދުވާލަކު ފްލައިޓެއް އޮޕަރޭޓްކުރުމަށް ވަނީ ނިންމާފައެވެ. މިދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓެވެ.
އެއަރ އެރޭބިއާއަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ފުރަތަމަ އަދި އެންމެ ބޮޑު ލޯ-ކޮސްޓް ކެރިއަރއެވެ. މި އެއަރލައިނުން މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ 170 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރެއެވެ.



