އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގައި ރާއްޖެ ތަމްސީލް ކުރަން މިސްރުގެ ކުރީގެ ފިނޭންސް މިނިސްޓަރ ޑރ މުހައްމަދު މާއިތު ހަމަޖައްސަވައިފިއެވެ. މިކަން މިސްރުގެ މީޑިއާ ރިޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން މާއިތު މިދިޔަ ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ މިފަދަ މަގާމެއް އޭނާއަށް ހަމަޖައްސައިދެއްވި ކަމަށްޓަކައި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އަށް ޝުކުރު އަދާ ކުރައްވާފައެވެ.
މީގެއިތުރުން އައިއެމްއެފްގައި ރާއްޖެ ތަމްސީލުކުރަން ނަން ހުށަހަޅުއްވާ ވޯޓުލުމުގެ މަރުހަލާގައި މިސްރުގެ ބޮޑުވަޒީރު މުސްތަފާ މަދްބޫލީ އާއި މިސްރު ސަރުކާރުން ދެއްވި އެއްބާރުލުމަށްވެސް މާއިތު ޝުކުރު އަދާ ކުރެއްވިއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އައިއެމްއެފްގައި މާއިތު ރާއްޖޭގެ އިތުރުން އަރަބި ބައެއް ޤައުމުތައް ވެސް ކުރައްވާނެއެވެ.
އިނގިރޭސިވިލާތުގެ ސިޓީ، ޔުނިވާސިޓީ އޮފް ލަންޑަން އިން ޕީއެޗްޑީ ހާސިލުކުރައްވާ، ކައިރޯ ޔުނިވާސިޓީން މާސްޓާ އޮފް ފިލޯސަފީ ހާސިލުކުރެއްވި މާއިތު ވަނީ މިސްރުގެ ސަރުކާރުގެ ގިނަ މަގާމުތަކެއް އަދާކުރައްވާފަ އެވެ. އޭގެ ތެރޭގައި މިސްރުގެ އެސިސްޓެންސް ފިނޭންސް މިނިސްޓަރު ކަމާއި، އިޖިޕްޝަން ފައިނޭންޝަލް ސުޕަވައިޒަރީ އޮތޯރިޓީގެ ވައިސް ޗެއާމަންގެ މަގާމު އަދި ނޭޝަނަލް އޯގަނައިޒޭޝަން ފޯ ސޯޝަލް އިންޝުއަރެންސްގެ ވައިސް ޗެއާމަންގެ މަގާމުގެ އިތުރުން އިޖިޕްޝަން އިންޝުއަރެންސް އިންސްޓިޓިއުޓްގެ އެކްޒެކްޓިވް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.




