ތިލަމާލެ ބްރިޖު މަޝްރޫއުގެ 45.82 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން މިނިސްޓަރ މުއްތަލިބް ވިދާޅުވީ މިހާތަނަށް ތިލަމާލެ ބްރިޖްގެ މައިގަނޑު ހަތަރު މަސައްކަތްތަކުގެ ވަކި އިންސައްތައެއް ފުރިހަމަކުރެވިފައިވާ ކަމަށެވެ.
އެއީ:
• ޕްރީކާސްޓް ސެގްމަންޓް: 43.5 އިންސައްތަ
• ތަނބުތަކުގެ ޕައިލިން: 79.5 އިންސައްތަ
• ފައިލް ކެޕްގެ މަސައްކަތް: 67.8 އިންސައްތަ
• ފިއަރ ކޮމްޕެލެކްސް: 62.2 އިންސައްތަ
ތިލަމާލެ ބްރިޖްގެ މަސައްކަތަކީ ކުރީ ސަރުކާރުން އިންޑިޔާގެ އެފްކޮންސް ކުންފުންޏާ ހަވާލު ކޮށްފައިވާ މަސައްކަތެކެވެ.
ނަމަވެސް ބްރިޖް މަސައްކަތް ކުރާ ކޮންޓްރެކްޓަރު މީގެ ކުރިން އެފަދަ މާހައުލެއްގެ މަސައްކަތް ކުރުމުގެ ތަޖުރިބާ ނެތުމުގެ ސަބަބުން ކޮންޓްރެކްޓަރަށް މިހާތަނަށް ދަތިތަކެއް ކުރިމަތިވިއެވެ. އެކަމުގެ ސަބަބުން ތިލަމާލެ ބްރިޖްގެ މަސައްކަތް ލަސްވި ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.
މިނިސްޓަރ މުއްތަލިބް ވިދާަލުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވުމުގެ ކުރިން 16 ނޮވެމްބަރުގައި ސޮއިކޮށްފައި އޮތް އެގްރީމެންޓްގައިވާ 30 މަސް ދުވަހަކީ ޕްރޮޖެކްޓް ނިންމަން އެކަށީގެންވާ ވަގުތުކޮޅެއް ކަމަށާއި އަދި ކޮންޓްރެކްޓަރު އޭރު މަސައްކަތް ކުރަމުންދިޔަ ގޮތަށް ބަލާއިރުގައި 30 މަސް ދުވަސް ތެރޭ މަސައްކަތް ނިންމޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރުގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
”އެހެން ނަމަވެސް، މޫސުމީ ކަންތައްތަކުގެ ސަބަބުން ދިމާވާ ކަނޑުގަދަވުން ފަދަ ކަންތައްތަކާއި ގުޅުވާލައިގެން ކޮންޓްރެކްޓަރުގެ ސަބަބުން ބައެއް ފަހަރު ސަބަބު ދައްކައިގެން ބައެއް މަސައްކަތްތައް ލަސްވޭ. މާ ބޮޑު ތަނެއް ލަސްކަމަށް ނުފެނުނު ނަމަވެސް ބައެއް ޒަރޫރީ މަސައްކަތްތައް މިނިސްޓްރީން ބޭނުންވާ ދުވެލީގައި ކުރިއަށްނުދޭ.“ މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނަމަވެސް، ކަނޑު ގަދަވުން ފަދަ ކަންތައްތަކަކީ 30 މަސް ތެރޭގައި މަސައްކަތް ނުނިންމެން އެންމެ ރަނގަޅު އުޒުރެއްގެ ގޮތުގައި މިނިސްޓްރީން ގަބޫލުނުކުރާކަން ކޮންޓްރެކްޓަރަށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.



