ރާއްޖޭގައި ދުންފަތް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ވޭޕް މަނާ ކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ ބަހުސް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅައިދެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އެވެ.
އިޖުތިމާއީ ކޮމިޓީއަށް މި ބިލު ފޮނުވަން ފާސްވީ 76 މެންބަރުންގެ ވޯޓާއެކުގައެވެ.
ވޭޕް މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި މެންބަރު އައިފާން ފާހަގަކުރެއްވީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާކުރުމެވެ.
ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް 21 އަހަރުގެ ދަށުގެ މީހަކަށް ނުވަތަ ކުއްޖަކަށް ވިއްކައިގެން ނުވާނެ ކަމަށް މި ބިލުގައިވެއެވެ.
އީ ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުކުރާތަކެތި ރާއްޖެ އެތެރެކުރުން މަނާކުރާއިރު އެތަކެތި އެތެރެކޮށްފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާކޮށް، ކޮންމެ އީ ސިނގިރޭޓަކުން ނުވަތަ ވޭޕްގެ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.



