މުޅި ކާއިނާތުގެ ރީތީގެ ރާނީ ނުވަތަ ”މިސް ޔުނިޔަރސް“ ހޮވުމަށް ބާއްވާ މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖެ ވެސް ބައިވެރިވެއްޖެއެވެ.
އެގޮތުން މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ އުމުރުން 21 އަހަރުގެ ދިވެހި މޮޑެލް މަރިޔަމް ޝައިނާ ނަސީމެވެ.
ޝައިނާ ވަނީ 2022 ވަނަ އަހަރު ”ޓޮޕް މޮޑެލް މޯލްޑިވްސް“ ކަމުގެ މަގާމުވެސް ހޯދާފައެވެ. އޭގެއިތުރުން އޭނާ ވަނީ މިދިޔަ އަހަރު މިސްރުގައި ބޭއްވި ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް 2023 މުބާރާތުގައި ވެސް ބައިވެރިވެ ރާއްޖެ ތަމްސީލުކޮށްދީފައެވެ.

އެނގިފައިވާ ގޮތުގައި ޝައިނާ އަށް މިފުރުސަތު ދިނީ ޒުވާނުންގެ މިފަދަ ހުނަރުތައް ދެނެގަނެ އިތުރަށް ކުރިއަރުވަން ފުރުސަތުތައް ފަހިކޮށްދޭ ފްރެންޗައިޒް ކުންފުންޏެއް ކަމަށްވާ ”ހީ އެންޑް ޝީ“ އިންނެވެ.

މިއަހަރުގެ މިސް ޔުނިވަރސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެކްސިކޯގައެވެ. މުބާރާތް އަންނަ މަހުގެ 14ވަނަ ދުވަހު ފަށާއިރު ފައިނަލް ޝޯ ބާއްވަނީ ހަމަ އެމަހުގެ މަހުގެ 16ވަނަ ދުވަހެވެ.
އިންޑިއާގައި ހުންނަ މެކްސިކޯ އެމްބަސީން މިހާރު ވަނީ ޝައިނާ މި މުބާރާތުގައި ބައިވެރިވެ މެކްސިކޯއަށް ދިޔުމަށްޓަކައި ވިސާ ވެސް ހަމަޖައްސާ ދީފައެވެ.

މިއަހަރުގެ މިސް ޔުނިވަރސް މުބާރާތުގައި 130 ގައުމަކުން ބައިވެރިވެއެވެ. ރާއްޖޭގެ އިތުރުން މި މުބާރާތުގައި އަލަށް ބައިވެރިވާ ގައުމުތަކުގެ ތެރޭގައި، ސޯމާލިއާ، ބެލަރޫސް، އިރާން، އުޒްބަކިސްތާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ.




