ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލު ނިމުމަކަށް ގެންނަންޖެހޭ ކަމަށް ކުރީގެ ޔޫތު އެންޑް ވިމެންސް މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.
ރާޝިދާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުން ދަތި ހާލުގައި އުޅެމުންދާ ދަނޑިވަޅެއްގައި ޓެކްސް ފައިސާ ސިޔާސީ ޕާޓީތަކަށް ބެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ގާނޫނުއަސާސީން ތަންދޭ ފަދައިން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ (އިންޑިޕެންޑެންޓް) ކެންޑިޑޭޓުން ނުކުންނަން ޖެހޭ ކަމަށްވެސް ރާޝިދާ ފާހަގަކުރެއްވިއެވެ.
”ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ފެންނަން ބޭނުންވަނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހެއް. އަންހެނެއް ވިޔަސް ފިރިހެނެއްވިޔަސް ގާނޫނު އަސާސީ އިން މިގޮތް ވެސް ހުއްދަކުރޭ. ޕާޓީތަކަށް ރައްޔިތުންގެ ފައިސާ ދިން ހުއްޓާލަންޖެހޭ. ރައްޔިތުން ބިކަ ހާލުގައިޖައްސަން ފައިސާދިނުމަކީ ހަމަޖެހޭ ކަމެއް ނޫން،“ ރާޝިދާ ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ އަހަރީ ބަޖެޓަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަން ލާޒިމްކުރެއެވެ. މި ފައިސާ ދޫކުރެވެނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކުގެ މެންބަރުންގެ ނިސްބަތަށް ބަލައިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ޖޫން 30 ގެ ނިޔަލަށް އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުން ފައިސާ ލިބޭ ޝަރުތު ހަމަވަނީ 3 ޕާޓީއަކަށެވެ.
އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ): 67،579 މެންބަރުން (އެންމެ މެންބަރުން ގިނަ ޕާޓީ)، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ): 55،399 މެންބަރުން، ޖުމްހޫރީ ޕާޓީ (ޖޭޕީ): 10،401 މެންބަރުންނެވެ.


