މިއަހަރު މެކްސިކޯ ގައި ”މިސް ޔުނިވަރސް“ މުބާރާތުގައި ދިވެއްސަކު ބައިވެރިވުން ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މެކްސިކޯގައި އަންނަ މަހުގެ 14 އިން 16 އަށް ބާއްވާ ”މިސް ޔުނިވަރސް“ މުބާރާތުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ބައިވެރިވާން އުޅޭކަމުގެ ޚަބަރު ރޭގައި ވަނީ ފެތުރިފައެވެ. އެގޮތުން އެ ފުރުސަތު ލިބިފައިވަނީ އުމުރުން 21 އަހަރުގެ މޮޑެލް މަރިޔަމް ޝައިނާ ނަސީމް އަށެވެ. އޭނާއަށް އެ ފުރުސަތު ހޯދައި ދީފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގައި މޮޑަލިންގް ދާއިރާ ހިންގާފައިވާ ”ހީ އެންޑް ޝީ“ ގެ ފަރާތުންނެވެ.
”މިސް ޔުނިވަރސް“ މުބާރާތަކީ އެތައް ގިނަ ޤައުމެއްގެ އަންހެން މޮޑަލުން ބައިވެރިވާ ރީތީގެ ރާނީ ހޮވުމުގެ މުބާރާތެކެވެ. އެ މުބާރާތުގައި އެ އަންހެނުންނަށް ނިވާކަން ކުޑަ ހެދުން ލާން ޖެހޭއިރު، ”ބިކިނީ“ ލައިގެން ވެސް މޮޑެލް ކުރަންޖެހެއެވެ.
އެހެންކަމުން މިފަދަ މުބާރާތެއްގައި ދިވެއްސަކު ބައިވެރިވުމާ ގުޅޭގޮތުން ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ”މިސް ޔުނިވަރސް“ ގައި ދިވެއްސަކު ބައިވެރިވާތީ، އެއީ ރާއްޖެ ތަމްސީލު ކުރަން ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމަށް ދޭހަވާ ގޮތަށް ފެތުރެމުންދާ ވާހަކަތަށް އެ މިނިސްޓްރީން ކުށްވެރި ކުރާ ކަމަށެވެ.
”ދިވެހިންގެ ދީނާއި ޢަޤީދާއާއި ސަޤާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން. އަދި އެފަދަ ކަންކަމީ، ދިވެހިން ޤަބޫލު ކުރާ އާންމު އަޚުލާޤީ މިންގަނޑުތަކާ އުސޫލުތަކާވެސް ޚިލާފު ކަންކަމަށް ވާއިރު ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިޔުން ދިވެހި ސަރުކާރުން ކުށްވެރިކުރަން. އަދި އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ވެސް ގޮވާލަން“ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ޔޫތު މިނިސްޓްރީން ބުނެފައިވަނީ ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުވުމަކީ ސަރުކާރުން ކުރާނެ ކަމަކަށް ނުވާއިރު އެއީ ސަރުކާރުން ކުރުވާ ކަމެއްކަން ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ ކަންކަމުގައި ދިވެހީން ބައިވެރި ނުވުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.



