މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ނަޒާހަތްތެރި ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފިއެވެ.
އެގޮތުން އެމްއެމްސީގައި ވަން އޮންލައިން ތަމްސީލު ކުރައްވާ މުޙައްމަދު ސިމާއު (ސިމްބެ) އެމްއެމްސީގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ”ފައިސާ ކޮޅަކަށް އެވޯޑު ވިއްކާލީ“ ކަމަށެވެ.
ސިމާއުގެ އިތުރުން އެކައުންސިލުގެ މެންބަރު އާއިދާ އަބްދުލް ހަކީމް ވެސް ވަނީ ނޫސްވެރިކަމުގެ މިއަހަރުގެ އެވޯޑާ ގުޅޭގޮތުން ނުރުހުން ފާޅު ކުރައްވާފައެވެ.
”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން އާއިދާ ވިދާޅުވީ އޭނާ އެންމެ ބޮޑަށް ކަންބޮޑުވަނީ ރާއްޖޭގެ ނޫސްވެރިކަމުގައި ވަރަށް ވެސް ހުނަރުވެރި އަދި އެހާމެ ގާބިލު ފޮޓޯގްރާފަރުން ތިބިއިރު، ”އެންމެ މޮޅު ފޮޓޯގްރާފަރަށް“ އެއްވެސް ފޮޓޯގްރާފަރަކު ނޮމިނޭޓު ކޮށްފައި ނެތުން ކަމަށެވެ.
”އެންމެ މޮޅު ފޮޓޯގްރާފަރަށް ނެތް އެކަކުވެސް އެންމެ ކުޑަމިނުން ނޮމިނޭޓު ވެސް ކޮށްފައެއް. ބުނީ ނެތޯ އެ އެވޯޑަށް ފިޓުވާ މީހެއް“ އާއިދާ ވިދާޅުވިއެވެ.
ނަމަވެސް ނޫސްވެރިންގެ ބައްދަލަވުމަކަށް ދިޔަޔަސް، ނުވަތަ ޚަފްލާއެއް ކަވަރ ކުރަން ނޫސްވެރިއަކު ދިޔަޔަސް އެތަނެއްގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއް ބަޔަކީ ފޮޓޯގްރަފަރުން ކަމަށާއި މިހާރު ގިނަ ފަހަރަށް ހުރިހާ ޚަފްލާއަކަށް ނޫސްވެރިން ނުގޮސް، ޚަބަރު ހަދަނީ ފޮޓޯގްރަފަރުން އެކަނި ގޮސް ފޮޓޯ ނަގައިގެން ދިޔުމުން ކަމަށް ވެސް އާއިދާ ވިދާޅުވިއެވެ.
”އެހެންވީމަ ޤަބޫލެއް ނުކުރެވޭ އެވޯޑު ދިނީ ރަނގަޅަށް ކަމަކަށް. އެންމެ ބޮޑަށް އުފުލަން ބޭނުންވާ ކަންބޮޑުވުމަކީ ފޮޓޯގްރާފަރަކަށް އެވޯޑެއް ނުދިންކަން. ގާބިލު ފޮޓޯގްރާފަރެއް ނެތްކަމަށް ބުނި ބުނުން“ އާއިދާ ވިދާޅުވިއެވެ.
މީގެއިތުރުން އެމްއެމްސީން މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ހިންގާފައިވަނީ ދެފުށްފެންނަ ގޮތަކަށް ނޫން ކަމަށް އެކައުންސިލުގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް ކޮމިޓީ އަލީ ނިޝާން ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން އަލީ ނިޝާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މި އެވޯޑާ ގުޅުން ހުރި މުހިންމު މައުލޫމާތުތަކެއް މީޑިއާ ކައުންސިލުގެ ރައީސް އެހެން މެންބަރުންނާ ހިއްސާ ނުކުރައްވާ ކަމަށާއި އޭގެތެރޭގައި މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ދިނުން ލަސްވި ސަބަބު ވެސް ހިމެނޭ ކަމަށެވެ.
މީގެއިތުރުން އެވޯޑުގެ ކޮންޓެންޓަށް ވެސް ބޮޑެތި ބަދަލުތަކެއް (ކޮންޓެންޓު ފުރަތަމަ ތައްޔާރުކުރި ފަރާތަށް ވެސް އެންގުމަކާ ނުލައި) ގެނެސްފައިވާކަން ވެސް ނިޝާން ފާހަގަ ކުރެއްވިއެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ނަޒާހަތްތެރި ނޫން ކަމަށް ބުނެ މެންބަރު ސިމާއު އާއި އާއިދާގެ އިތުރުން އެމްއެމްސީގައި މިހާރު ނޫސް ތަމްސީލު ކުރައްވާ މެމްބަރު، މޫސާ ރަޝީދު އާއި އަމިއްލަ މެމްބަރު، އަލީ ރަޝީދު އިބްރާހިމް ވެސް ވަނީ ރޭގެ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ.




