ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދިޕިކާ ޕަޑުކޯން އާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ރަންވީރް ސިންގްގެ އަލަތު ދަރިފުޅަށް ކިޔާ ނަން ހާމަ ކޮށްފިއެވެ.
އިންސްޓަގްރާމްގައި ދަރިފުޚުގެ ފައިތިލައިގެ ފޮޓޯއަކާއެކު ދިޕިކާ ރޭގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެދެމަފިރިންގެ ދަރިފުޅުގެ ނަމަކީ ”ދުޢާ ޕަޑުކޯން ސިންގް“ ކަމަށެވެ.
”ދުޢާ- ދަރިފުޅަށް މިނަންކީ އެއީ އެ ދަރިފުޅަކީ އަހަރުމެން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން (ދަރިފުޅު ލިބޭތޯ) ކުރި ދުޢާތަކެއްގެ ނަތީޖާ ކަމަށްވާތީ“ ދިޕިކާ ބުނެފައިވެއެވެ.
ދިޕިކާއާއި ރަންވީރަށް އަންހެން ދަރިއަކު ލިބުނީ މުމްބައި ގައި ހުންނަ އެޗްއެން ރިލައިއެންސް ފައުންޑޭޝަން ހޮސްޕިޓަލުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގައެވެ. ދިޕިކާ ވިހެއި ޚަބަރު ލިބުމާއެކު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ދިޔައީ އެދަރިފުޅަށް ކިޔާ ނަން އެނގުމަށެވެ.
ރަންވީރާއި ދިޕިކާ ކައިވެނި ކުރީ 2018 ވަނަ އަހަރު އިޓަލީގެ ލޭކް ކޯމޯ ގައެވެ. އެދެމަފިރިން އެކުގައި އޮން-ސްކްރީނުން ދެން އެންމެ އަވަހަށް ފެންނާނީ ރޯހިތު ޝެޓީ ޑައިރެކްޓު ކުރާ ”ސިންގަމް އަގެއިން“ އިންނެވެ. މިފިލްމުގެ ޓްރެއިލަރ ލޯންޗު ކުރުމަށް މިދިޔަ މަހު ބޭއްވި ޚަފްލާގައި ރަންވީރު ބުނީ، އެފިލްމު ކުޅުނުއިރު ދިޕިކާ ބަނޑުބޮޑު ކަމަށާއި އެހެންކަމުން އެއީ އެދެމަފިރިންގެ ދަރިފުޅުގެ އެންމެ ފުރަތަމަ ފިލްމު ކަމަށެވެ.



